Last Updated: November 23, 09:32
Saturday, November 23, 2024
ޚަބަރު

ޕީއެންސީ އިންތިހާބު: ވޯޓަކާ ނުލާ 1،300 ކެންޑިޑޭޓުން ހޮވިއްޖެ

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވޯޓަކާ ނުލައި 1300 ކެންޑިޑޭޓުން ހޮވިފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބު މިއަދު ބޭއްވުމަށް ހަަމަޖެހިފައިވާއިރު، އެ ޕާޓީން ބުނީ ​​​1،984 މަޤާމަށް މީހުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި 648 ކެންޑިޑޭޓުން ވާދަކުރާ ކަމަށެވެ. އަނެއް 1،300 މަޤާމަށް، އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ، އެ 1،300 މަޤާމަށް އިންތިޚާބަކާ ނުލައި މީހުން ހޮވިފައިވާ ކަމަށް ޕީއެންސީން ބުނެ އެވެ.

މި އިންތިޚާބުގައި، މާލޭގައި ބަހައްޓާ 56 ވޯޓް ފޮށްޓާއެކު ޖުމުލަ 144 ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ޕީއެންސީން ބުނެ އެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު 33،500 މީހަކަށް ލިބިފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.

​​​މި އިންތިޚާބުގެ ވޯޓްލުން ފަށާނީ، މިއަދު ހެނދުނު 10.00 ގަ އެވެ. ވޯޓުލުން ނިމި ވޯޓް ފޮށިތައް ބަންދުކުރާނީ މިއަދު މެންދުރު 14.00 ގަ އެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި އިންތިހާބުކުރަން ހަމަޖެހިފައިވާ މަގާމުތަކުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ޒުވާނުން ހަރަކާތުގެ ރައީސް އާއި އަންހެނުން ހަރަކާތުގެ ރައީސްގެ އިތުރުން ސްޓިއަރިން ކޮމެޓީގެ މެމްބަރުން ހިމެނެ އެވެ.