ދަތުރުކުރާ މީހުންގެ އަތުން "ފެލާތީ" ފަސް ބަޖެޓް އެއާލައިނެއް ސްޕެއިނުން ޖޫރިމަނާކޮށްފި އެވެ.
އެގޮތުން އަޔަލޭންޑްގެ ރަޔަން އެއާ އާއި އިނގިރޭސިވިލާތުގެ އީޒީ ޖެޓާއި ސްޕެއިން ވުއެލިން އާއި ނޮވޭޖިއަން އެއާލައިންސްގެ އިތުރުން ސްޕެއިންގެ ވޮލޮޓިއާ އެއާލައިން ޖުމްލަ 186.4 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވެ އެވެ. ސްޕެއިންގެ ކޮންޒިއުމާ ރައިޓްސްގެ ގާނޫނުގެ ދަށުން އެއާލައިންތައް ޖޫރިމަނާކުރީ އިއްޔެ އެވެ.
މިއީ މިހާތަނަށް އެެއާލައިންތަކަކަށް ސްޕެއިނުން އައި އެންމެ ބޮޑު ޖޫރިމަނާ އެވެ.
އެގޮތުން އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކުރީ ރަޔަން އެއާ އެވެ. އެ އެއާލައިން 113 މިލިއަން ޑޮލަރުން ޖޫރިމަނާކުރި އިރު، ޖެޓްއީޒީ ޖޫރިމަނާކުރީ 30.2 މިލިއަން ޑޮލަރުންނެވެ. އަދި ނޮވޭޖިއަންސް އެއާލައިން 1.7 މިލިއަން ޑޮލަރުން ޖޫރިމަނާކުރި އިރު، ވޮލޮޓިއާ ޖޫރިމަނާކުރީ 1.3 މިލިއަން ޑޮލަރުންނެވެ. މީގެ އިތުރުން ބްރިޓިޝް އެއާވޭސްގެ ދަށުން ހިންގަމުން އަންނަ ވުއެލިން ޖޫރިމަނާކުރީ 40.6 މިލިއަން ޑޮލަރުންނެވެ.
ސްޕެއިންގެ އޭވިއޭޝަން މިނިސްޓްރީން ބުނީ ފަސް އެއާލައިން ޖޫރިމަނާކުރީ ދަތުރުވެރިން އަތުން އުފުލާ ލަގެޖްތަކަށް އިތުރު އަގުތައް ނެގުމާއި ކުޑަކުދިންނަށް ވެެސް ސީޓްތަކުން އަގު ނެގުން ފަދަ މައްސަލަތަކާ ހެދި ކަމަށެވެ. އަދި އެއާލައިންތަކުން ކަސްޓަމަރުންނަށް ސައްހަ މައުލޫމާތު ނުދިނުމާއި ދެފުށް ފެންނަ ގޮތަށް ގޮތަށް އަގުތައް ނެގުމުގެ އުސޫލުތައް އެ އެއާލައިންތަކުން ގެންގުޅެމުން ނުދާ ކަމަށް ބުނެފައިވެ އެވެ.
އެހެންވެ ޖޫރިމަނާކުރީ ކަސްޓަމަރުންގެ ހައްގުތައް ގެއްލޭ ގޮތަށް އަމަލު ކުރަމުންދާތީ ކަމަށް ސްޕެއިންގެ އޭވިއޭޝަން މިނިސްޓްރީން ބުންޏެވެ. މި މިނިސްޓްރީގެ އެ ނިންމުމަށް އެ ގައުމުގެ ކޮންޒިއުމާ ރައިޓްސް އެސޯސިއޭޝަން، ފެޗްއާ އިން މަރުހަބާ ކިޔައި، މިއީ "ތާރީހީ" ފިޔަވަޅެއް ކަމަށް ބުުނެފައިވެ އެވެ. އަދި މިފަދަ ފިޔަވަޅެއް އެއާލައިންތަކާ ދެކޮޅަށް އެޅީ އެކަމަށް ވަލާކާތު ކިރަމުން އަންނަތާ ހަ އަހަރު ފަހުން ކަމަށް ބުނެފައިވެ އެވެ.
މި ނިންމުމާ ގުޅިގެން އެއާލައިންތަކުން ޖޫރިމަނާގެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައިވާ އިރު، ޖޫރިމަނާ އަކީ "ތާކުންތާކު ނުޖެހޭ" ނިންމުމެއް ކަމަށް ސްޕެއިންގެ އެއާލައިން އިންޑަސްޓްރީ ތަމްސީލުކުރާ އޭއެލްއޭ އިން ބުންޏެވެ.