ފަރުދީ ގޮތުން ފަތުވާދީ ހެދުމަކީ އިސްލާމީ މުޖުތަމަޢު ބައިބައިވެގެން ހިނގައިދާނެ ކަމަށާއި އެހެންވެ ފަތުވާ އަކީ މަޝްވަރާ ކުރެވިގެން ޒަމާނާއި ހާލަތަށް ރިއާޔަތްކޮށް ކުރަން ޖެހޭ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މިއަދު ފެށި "ފަތުވާ މަހާސިންތާ' ފެށުމުގެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ އިސްލާމީ ފިޤުހުގައި ފަތުވާގެ މަޤާމަކީ ވަރަށް މަތިވެރި މަޤާމެއް ކަމަށާއި ވަކި ކަމެއްގެ ޝަރުޢީ ޙުކުމެއް ބަޔާން ކުރުމުގެ ކުރިން އެކަމެއްގެ ޙަޤީޤަތް ތަޞައްވުރު ކުރުމަކީ ޝަރުޢީ ޤަވާޢިދެއް ކަމަށެވެ.
އޭނަ ވިދާޅުވީ މި ޒަމާނުގައި، ކުރިމަތިވެފައިވަ ޒަމާނީ ފިޤުހީ މައްސަލަތަކުގައި ޙުކުމްތައް ބަޔާން ކުރުމުގައި ޖަމާޢީ ގޮތުން މަޝްވަރާ ކުރެވެން ޖެހޭ ކަމަށާއި އެފަދަ ކަންކަމުގައި ފަރުދީ ގޮތުން ފަތުވާ ދީ ހެދުމަކީ އިސްލާމީ މުޖުތަމަޢު ބައިބައިވެގެން ހިނގައިދާ ނެ ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޝަރުޢީ ޙުކުމްތައް ބަޔާން ކުރުމުގައި، ފިޤުހީ މުޢުތަބަރު ޚިލާފު ހުންނަ ކަންކަމުގައި ޚިލާފުގެ އޮތްކަމުގެ ވާހަކަ ބަޔާންކުރުން މުހިންމު ކަމަށާއި ތަބަޢަވާން ޖެހޭނީ ޤުރުއާނާއި ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާޢުއަށް ކަމަށެވެ.
އަދި ފިޤުހީ ކަންކަމުގައި އިސްލާމް ދީނުގެ ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދެން މެދުވެރިވި އިލްމީ، އިޖްތިމާޢީ، ޢުރުފީ ސަބަބުތަށް ދެނެގަތުމަކީ އެއްބައިވަންތަކަމަށް މަގުފަހިވާނެ ކަމެއް ކަމަށ ވެސް ވިދާޅުވި އެވެ.
ޝަހީމު ވިދާޅުވީ ޚިޔާލު ތަފާތު ހުންނަ ކަންކަމުގައި ވެސް އުންމަތުގެ ދަންނަ ބޭކަލުންނަށް އިޙުތިރާމް ކުރުމަކީ އިލްމުވެރިންގެ އަޚުލާޤު ކަމަށެވެ. އެހެންވެ ދީނީ ކަންކަމުގައި ފަތުވާ ދޭ އިރު، މީސްތަކުންގެ ޙާލަތާއި ޢުރުފާއި ސަޤާފަތާއި ޒަމާނާ މެދު ރިޢާޔަތްކުރުމަކީ ފަތުވާ ދިނުމުގައި ބަލަން ޖެހޭ ކަމެއް ކަމަށާއި އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކާއި މުޖުތަމަޢާއި ދައުލަތުގެ ޢާއްމު މަޞްލަޙަތުތައް ޚާއްޞަ މަޞްލަޙަތުތަކުގެ މައްޗަށް އިސް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ދީނުގެ ޙުކުމްތައް ބަޔާން ކުރުމުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ ލުއި ފަސޭހަކަމުގެ އަސާސް ހިފެހެއްޓުމާއި މެދުމިން އުޞޫލުތަށް ނެގެހެއްޓުމަށް ޝަހީމް ގޮވާލެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުވާގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި ދީނީ އެއްބައިވަންތަކަން ޤާއިމުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށވެެ.