އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް އަތުން 4-0 އިން މެންޗެސްޓާ ސިޓީ ބަލިވެއްޖެ އެވެ.
ސިޓީ ބަލިވުމުން ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓަށް ލީޑުފުޅާކުރަން ލިވަޕޫލަށް ވަނީ ފުރުސަތު ލިބިފަ އެވެ. އެއް ވަނައިގައި އޮތް ލިވަޕޫލަށް 11 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް 12 މެޗުން ވަނީ 22 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލުން މިރޭ ސައުތެމްޓަންއާ ދެކޮޅަށް ނިކުންނާނެ އެވެ. ޓޮޓެންހަމް އޮތީ 19 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގަ އެވެ.
މިއީ ސިޓީ ޖެހިޖެހިގެން ބަލިވި ފަސްވަނަ މެޗު ކަމަށްވާއިރު، މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި ވެސް ޖެހިޖެހިގެން ފަސް މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ 13 ވަނަ މިނެޓްގައި ޖޭމްސް މެޑިސަން ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފަ އެވެ. އަދި އޭގެ ހަތް މިނެޓް ފަހުން މެޑިސަން ވަނީ ޓޮޓެންހަމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ދެވަނަ ހާފުގައި ޓޮޓެންހަމްގެ ތިން ވަނަ ކާމިޔާބުކުރީ ކައުންޓަ އެޓޭކެއްގައި އަރައި، ފުލްބެކް، ޕެޑްރޯ ޕޯރޯ އެވެ.
ދެވަނަ ހާފުގައި ސިޓީގެ ފޯވާޑް އާލިން ހާލަންޑް އާއި އިލްކާއި ގުންޑޮގާން ޓޮޓެންހަމްގެ ގޯލަށް ހަމަލާތަކެއް ފޮނުވާލި ނަމަވެސް އެ ހަމަލާތައް ޓޮޓެންހަމްގެ ކީޕަރު ގުގްލިއެލްމޯ ވިކާރިއޯ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި ޓޮޓެންހަމްގެ ފަހު ގޯލު ޖެހީ ބްރެނަން ޖޯންސަން އެވެ. މިއީ ޓިމޯ ވާނާ ތަނަވަސްކޮށްދިން ފުރުސަތަކުން ޖޯންސަން ކާމިޔާބުކުރި ގޯލެކެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޗެލްސީން ވަނީ 2-1 އިން ލެސްޓަ ސިޓީ ބަލިކޮށްފަ އެވެ. އާސެނަލުން 3-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކުރިއިރު، ބްރައިޓަން އިން ވަނީ 2-1 އިން ބޯންމަތްގެ މައްޗަށް ކުރި ހޯދާފަ އެވެ. އެސްޓަން ވިލާ އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވި އިރު، ވުލްވްސް އިން ވަނީ 4-1 އިން ފުލަމް ބަލިކޮށްފަ އެވެ.