މޫސުމީ ބަދަލުތަކާ ދެކޮޅަށް ފަގީރު ގައުމުތަކުން ކުރާ މަސައްކަތްތަކަށް އެހީވާން މުއްސަނދި ގައުމުތަކުން 300 ބިލިއަން ޑޮލަރު ކަނޑައަޅައިފި އެވެ.
ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ކްލައިމެޓް ޗޭންޖް ސަމިޓް، ކޮޕް29 މި މަހުގެ 22 ގައި އަޒަރުބައިޖާންގެ ބަކޫގައި ނިންމައިލި އިރު، އެ ސަމިޓްގައި ވެސް ގިނަ ގައުމުތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި ކަމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރަން މާލީ ގޮތުން ހުރި ދަތިތަކުގެ ވާހަކަ އެވެ. އެހެންވެ މުއްސަނދި ގައުތަކުން އާމްދަނީ މަދުން ލިބޭ، ގައުމުތަކަށް އެހީވާން ދޭ އަދަދު ބޮޑުކުރަން ވަރަށް ގނަ ގިނަ ގައުމުތަކުން ގޮވާލި އެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.
ގިނަ މަޝްވަރާތަކަކާއި ބަހުސްތަކަށް ފަހު ފަގީރު ގައުމުތަކަށް އެހީވާން 300 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައެޅި އިރު، މިއީ ކޮޕްގެ ތެރޭގައި މިހާތަނަށް ކަނޑައެޅި އެންމެ ބޮޑު އަދަދެވެ.
މިކަމާ ގުޅިގެން އދ. އިންޓަނޭޝަނަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް އައިޕީސީސީ) ގެ އެގްޒެކެޓިވް ސެކްރެޓަރީ ސައިމަން ސްޓިއެލް ވިދާޅުވީ އުނދަގޫ މަރުހަލާތަކަކަށް ފަހު މިހާރު ބަޖެޓްގެ މައްސަލައިގައި އެއްބަސްވުމަކަށް އާދެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އެގޮތުން ކުދި ގައުމުތަކަށް އެހީވާން ކަނޑައެޅި 300 ބިލިއަން ޑޮލަރަކީ ބޮޑެތި ގައުމުތަކުގެ ސަރުކާރުތަޖުގެ ގްރާންޓާއި ޕްރައިވެޓް ސެކްޓާގެ ތެރެއިން ކަނޑައެޅި އަދަދެކެވެ. މިއީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ރެކޯޑް އަދަދެއް ނަމަވެސް ލަފާކޮށްފައިވާ ގޮތުގައި 2035 އާ ހަމައަށް އަންނަ އިރު، އެހީގެ ގޮތުގައި ބޭނުންވާ އަދަދު މަދުވެގެން 1.3 ޓްރިލިއަން ޑޮލަރަށް އަރާނެ އެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް ގިނަ ގައުމުތަކުން ވަކާލާތުކުރި ނަމަވެސް މިކަމުގައި ޖުމްލަކޮށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.