ރާއްޖޭގެ ސިޔާސީ މަސްރަހްގައި ނުފޫޒު ގަދަ ލީޑަރުންގެ ތެރޭގައި އިމްރާން އަބްދުﷲ ހިމެނިވަޑައިގަންނަވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ހުރިހާ ސަރުކާރަކުން ޖެހިލުންވެ ވަޑައިގަންނަވަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ ހަގީގަތެއް ނެތް ދޮގު ތުހުމަތު އަޅުވައި ބަދުނުމާކުރުމަށް ގިނަ ބަޔަކު މަސައްކަތް ކުރަނީ ކީއްވެ ހެއްޔެވެ؟ ހައްތަހާވެސް ސުވާލުތަކެވެ.
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައިވަނީ ހަމައާއި އިންސާފުގެ މަތީގައި ހުންނެވި ލީޑަރެއްގެ ގޮތުގައެވެ. ސަބަބަކީ އިއްޔެ އެމަނިކުފާނުގެ ހަތުރުންގެ ގޮތުގައި ތިބި މީހުންނަށް އެމަނިކުފާނު އެދުވަހު ވިދާޅުވަމުން ގެންދެވި ބަސްފުޅުތަކުގެ ތެދުކަން ހާމަވެގެން ދިޔުމެވެ.
ޝެއިޚް އިމްރާންގެ ލީޑާޝިޕް އެންމެ ރަނގަޅަށް ފެނިގެން ދިޔަ އެއްދުވަހަކީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު މާލޭ ލޮނުޒިޔާރަތްކޮޅު ފުރާލީ ދުވަހެވެ. އެމްޑީޕީ ސަރުކާރުގެ ނިމުން ފެށުމުގެ އަސްލެއް ކަމުގައި ގިނަބަޔަކު ސިފަކުރާ 23 ޑިސެމްބަރުގެ އެއްވުމަކީ ވަރަށް ފާހަގަކޮށްލެވޭ ސިޔާސީ އެއްވުމެކެވެ. ދިވެހިރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުންތަކެއް އެއް ޕްލެޓްފޯމަކަށް ގެންނަވައި ދިވެހިންނަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކެއް ސަރުކާރުގެ ސަމާލުކަމަށް ގެންނަވައި އޭގެ ތެރެއިން މައްސަލަތައް ޙައްލު ކުރުމަށް ޕްރެޝަރު ކުރެއްވިއެވެ.
އެމްޑީޕީގެ ސަރުކާރު ނިންމުމަށް ކުރެވުނު ސިލްސިލާ މުޒާހަރާތަކުގައި ވެސް އިމްރާނަކީ ލީޑަރެކެވެ. މިހާރުގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އެންމެ އަރިސް ޓޫރިޒަމް މިނިސްޓަރ އަދީބު ވެސް ހުންނެވީ އޭރު ޝެއިޚް އިމްރާން އަބްދުﷲގެ ފަހަތުގައެވެ. ޤާނޫނާ ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަބްދުﷲ މުޙައްމަދު ހައްޔަރު ކުރުމާއި ގުޅިގެން ޝެއިޚް އިމްރާން އަބްދުﷲ ނިކުމެވަޑައިގެން އަޑުއުފުއްލެވީ ޤާނޫނު އަސާސީގައި ބުނާ ހަމައާއި އިންސާފު އެންމެހައި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ގޮވާލަމުންނެވެ.
ނަޝީދުގެ ވެރިކަން ނިމި އަބްދުﷲ ގާޟީ މިނިވަން ވުމަށް ފަހު ވެސް އެބޭފުޅާގެ ފަރާތްޕުޅުން ޝެއިޚް އިމްރާން އަބްދުﷲ ހަދިޔާއެއް ނުވަތަ އެހީތެރިކަމެއް ހޯއްދަވާފައެއް ނުވެއެވެ. އެހީތެރިކަމާއި ހަދިޔާ ހޯއްދަވަމުން އެގެންދަވަނީ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އެންމެ އަރިސް މިނިސްޓަރ އަދީބެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި ޖީއެމްއާރަށް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ދިން ގޮތާއި ދެކޮޅަށް ނިކުންނެވި ލީޑަރަކީ ޝެއިހް އިމްރާންއެވެ. އެއްބަސްވުމުގައި ބޮޑެތި "އޮޅުވާލުން"ތަކެއް ހުރި ކަމަށް ބުނެ ދިވެހިންގެ "އެއާޕޯޓް ދިވެހިންނަށް" ހޯދައި ދިނުމަށް ގޮވާލައި ނިކުވެވަޑައިގަންނަވަން ކެރި ވަޑައިގަތީ އިމްރާނަށެވެ. މިހާރުގެ ރައީސް ޔާމީން އާއި އެހެނިހެން ސިޔާސީ ބޭފުޅުން ތިއްބެވީ ފިއްލަވައިގެންނޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކަށް އޭރު ހުންނެވި އަބްދުﷲ ޝާހިދާއި ތަސްމީން އަލީ ވެސް ވަކި ހިސާބަކުން ޖީއެމްއާރުން 'ގަނެލި' ކަމަށް ސިޔާސީ ފަރާތްތަކުން ތުހުމަތުކޮށްފައިވާއިރު ޖީއެމްއާރަށް ވެސް އަދި އެމްޑީޕީ ސަރުކާރަށް ވެސް ގަނެ ނުލެވުނީ ޝެއިޚް އިމްރާން ޢަބްދުﷲއެވެ.
ޖީއެމްއާރް މައްސަލައިގައި ޝެއިޚް އިމްރާންގެ ފަރާތުން ފެނިގެންދިޔަ ހިތްވަރުގެ ސަބަބުން އެމަނިކުފާނުގެ ލީޑަރޝިޕްގެ ދަށަށް ރާއްޖޭގެ ދެން ހުރި ޕާޓީތައް ވަންނަން މަޖްބޫރުވެގެން ދިޔައެވެ. ޝެއިޚް އިމްރާން ފެއްޓެވި އެމަސައްކަތް ކާމިޔާބު ކުރައްވައި މިއަދު ދިވެހިންގެ އެއާރޕޯޓް ދިވެހިންނަށް އެވަނީ ހޯއްދަވައިދެއްވާފައެވެ. ބަދަލުގައި އެމަނިކުފާނު ސަރުކާރުގެ ވަޒީފާއެއް ނުވަތަ ސަރުކާރުން ހަދިޔާ އެއް ވެސް ހޯއްދަވާފައެއް ނުވެއެވެ.
ޝެއިޚް އިމްރާން އަބްދުﷲ އިސްވެ ހުންނަވައިގެން އަދާލަތު ޕާޓީއަށް މިވަނީ ގިނަ ގުނަ ކާމިޔާބީ ހޯދާފައެވެ. ޕާޓީގެ އަޑު ވަރަށް ބޮޑަށް މަޑުވެފައި ވަނިކޮށް ލީޑަރޝިޕަށް ވަޑައިގެން ޕާޓީގެ އަޑު ރާއްޖޭގެ ސިޔާސީ މަސްރަޙްގައި މިވަނީ ގަދަކޮށްފައެވެ.
މިހާރުގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އެބޭފުޅެއްގެ އަގު މިއަދު ވަޒަން ނުކުރެއްވި ކަމުގައި ވިޔަސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބް ރައީސް އަބްދުﷲ ޔާމީން އަށް ކާމިޔާބްކޮށްދެއްވުމަށް އެންމެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަތް އެއް ލީޑަރަކީ ޔަޤީނުންވެސް ޝެއިހް އިމްރާންއެވެ.
ރައީސް އަބްދުﷲ ޔާމީން އަށް ތާޢީދުކުރެއްވުމަށް ޝެއިޚް އިމްރާން އަބްދުﷲގެ ލީޑާޝިޕްގެ ދަށުން އަދާލަތު ޕާޓީ އިން ނިންމާފައި ވަނީ އެއްވެސް ވަޒީފާއެއް، ކޯޑިނޭޓަރުކަމެއް ނުވަތަ މިނިސްޓަރ ކަމެއް ޝަރުތުކުރައްވައިގެން ނޫންކަން ފާހަގަކޮށްލެވެއެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ ގިނަ ދުވަސްތަކެއް ނުވެ އެމަނިކުފާނުގެ ސަރުކާރުން އިންސާފުން ބޭރުން ކަންތައް ކުރައްވަން ފެއްޓެވުމުން ޝެއިޚް އިމްރާން އަބްދުﷲ އިސްވެ ހުންނަވައި އެންމެ ފުރަތަމަ ވަޑައިގެންނެވީ މަޝްވަރާއަށެވެ. މަޝްވަރާތަކުން ވެސް އެއްވެސް ޙައްލެއް ފެނިވަޑައިނުގަތުމުން އަދާލަތު ޕާޓީއިން ސަރުކާރާއި އެކު ހަދާފައިވާ ކޯލީޝަނުން ވަކިވެ، ސަރުކާރުން ވަކިވާން ނިންމީވެސް ޝެއިޚް އިމްރާންގެ ލީޑަރުކަމުގައެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ޝެއިޚް އިމްރާން ޢަބްދުﷲ ސަރުކާރާއި ދެކޮޅަށް ތެދުވެވަޑައިގަތީ ބޭއިންސާފުން އަދާލަތު ޕާޓީގެ މެންބަރުންނަށް ކުރިމަތިވެވަޑައިގަންނެވި ކަންތައްތަކެއް ހުއްޓުވުމަށް ނޫންކަމެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ މައްސަލައިގައި އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މައްސަލަ ހުށަހެޅުއްވި ބޭފުޅަކީ ޝެއިޚް އިމްރާން އަބްދުﷲއެވެ. ބަދަލު ހިފުމާއި ބޭއިންސާފުން ސިޔާސީ ވާދަވެރިންގެ މައްޗަށް ދަޢުވާތައް އުފުލުމަށްވުރެ ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުން މުހިއްމުކަން ހާމަކުރައްވައި ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި އެމަނިކުފާނުގެ އިތުރުން ދައުލަތުގެ މަތީ މަގާމުތަކުގައި އޭރު ތިއްބެވި ބައެއް ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ މެދު ކޯޓުން ބޭރުގައި ހައްލެއް ހޯދަން ޖެހޭ ކަމަށް ޝެއިޚް އިމްރާން ގޮވާލެއްވުން ވެގެން ދިޔައީ ޝެއީޚް އިމްރާން އަބްދުﷲ ޤައުމުގެ ހަމަޖެހުމަށް ލޯބި ކުރައްވާކަން ހާމަވެގެން ދިޔަ ކަމަކަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކޮރަޕްޝަންގެ މޭސްތިރިޔާގެ ގޮތުގައި ސިޔާސީ ބޭފުޅުން ވިދާޅުވަމުން ގެންދަވާ ޓޫރިޒަމް މިނިސްޓަރ އަޙްމަދް އަދީބަށް ފާޅުގައި އެންމެ ބޮޑަށް ފާޑުވިދާޅުވާން ކެރިވަޑައިގެންނެވި ހަމައެކަނި ސިޔަސީ ލީޑަރަކަށް ވެވަޑައިގެންފައިވަނީ ވެސް ޝެއިޚް އިމްރާން އަބްދުﷲއެވެ. ސާބިތުކަމާއިއެކު ހުންނަވައި ދައްކަވާ ވާހަކަފުޅުތަކަށް ޙުއްޖަތު ދައްކަވައި އަދީބު ކުރައްވަމުން ގެންދަވާ ކަންތަކުގެ ވާހަކަތައް ހާމަކުރައްވަމުން ގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ޝެއިޚް އިމްރާން އަބްދުﷲ އެހުންނެވީ ޖަލަށް ލެވިފައެވެ.
ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް އާއި ރައީސް ޔާމީން އާއި މެދު ކުރެވޭ ބޮޑެތި ތުހުމަތުތަކުގެ ވާހަކަ ސިޔާސީ އެއްވުން ތަކުގައި ދައްކަވަން ފެށުން ވެގެން ދިޔައީ ރައީސް ޔާމީންގެ ސަރުކާރަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ޕްރެޝަރު ކަމުގައެވެ. އެ ޕްރެޝަރުތަކުގެ ސަބަބުން ކުރިމަތިވެވަޑައިގެންނެވި ޖަޒުބާތުތަކުގެ ސަބަބުން ޚުދު ރައީސް ޔާމީން އަށް އޮޅިވަޑައިގެން ނަމަވެސް ގިނަ ބަޔަކު ބައިވެރިވި އެއްވުމެއްގައި އިމްރާންގެ މައްޗަށް ޖިނާޢީ ދަޢުވާ ކުރާނެ ވާހަކަ ރައީސް ޔާމީން އިޢުލާން ކުރެއްވިއެވެ.
ރައީސް ޔާމީން އެހެން ވިދާޅުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީޖީ ވަނީ އިމްރާންގެ މައްޗަށް ޖިނާޢީ ދަޢުވާ އެއް އުފުލުން ވެގެން ދިޔައީ ރައީސް ޔާމީންގެ ނުފޫޒު ޕީޖީގެ މައްޗަށް އޮތް މިންވަރު ހާމަވެ އެމަނިކުފާނުގެ ސަރުކަރު ފަޟީހަތް ވެގެން ދިޔަ ކަމަކަށެވެ.
"މޭޑޭ" ގެ މުޒާހަރާގައި ޝެއިޚް އިމްރާން ވިދާޅުވެފައިވަނީ ރައީސް އަބްދުﷲ ޔާމީން މަޝްވަރާގެ މޭޒަށް ގެންނަވާނެ ކަމަށެވެ. ސަރުކާރުން ކުރަންޖެހޭ މަޝްވަރާއެއް ނޯންނާނެ ކަމަށް ވިދާޅުވި ކަމުގައި ވިޔަސް އޭގެ ދުވަސްކޮޅެއް ފަހުން ނަމަވެސް ސިޔާސީ ޕާޓީ ތަކާއި އެކު މަޝްވަރާކުރުމަށް ސަރުކާރަށް މަޖުބޫރުވެގެން ދިޔައީއެވެ. އަނެއްކާވެސް ޝެއިޚް އިމްރާން އަބްދުﷲ ހޯއްދެވި ކާމިޔާބެއް ނޫންތޯއެވެ؟
މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ސަރުކާރާއި އެކު ތަފާތު "ޑީލް" ތައް ހެއްދެވުމަށް ސިޔާސީ ބޭފުޅުން އެއްބަސްވެ ވަޑައިގަންނަވަމުން ދާއިރު އެފަދަ "ޑީލް" އަކަށް އެއްބަސްވެވަޑައި ނުގެން ޝެއިޚް އިމްރާން އަބްދުﷲ އަދިވެސް ހުންނެވީ ސާބިތުކަމާއި އެކުގައެވެ. ސަރުކާރުން ޝެއިޚް އިމްރާން އަބްދުﷲ މިނިވަން ކުރުމަށް ހުށަހަޅާފައިވާ "ޑީލް" އަކީ އެމަނިކުފާނުގެ އަދާލަތު ޕާޓީ އިން އިސްވެ ފަށާފައިވާ "އަނިޔާވެރިކަން ނިންމުން ހަރަކާތް" މުޅިން ހުއްޓާލުމެވެ.
2013 ވަނަ އަހަރަށް ޖެހިލަމާ ތޯއެވެ. އޭރު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙްގައި އެމްޑީޕީގެ ލީޑާޝިޕާއި މެންބަރުން ގެންދިޔައީ ޝެއިޚް އިމްރާން އަބްދުﷲގެ އަބުރު ކަތިލަމުންނެވެ. ސަބަބަކަށް ވީ އެމްޑީޕީއަށް ސިޔާސީ ގޮތުން އެންމެ ބޮޑު ގޮންޖެހުމަކަށް އޭރު ވެފައިވަނީ ޝެއިޚް އިމްރާން ކަމަށް ވުމުންނެވެ. އެދުވަހު ޝެއިޚް އިމްރާންގެ ދިފާޢުގައި ވާހަކަދެއްކި ޕީޕީއެމްގެ މެންބަރުންގެ ރާގު މިއަދު ބަދަލުވެއްޖެއެވެ. މިއަދު ޕީޕީއެމް އަށް ތާޢީދުކުރާ ފަރާތްތަކުން އެހެރަ ގެންދަނީ ޝެއިޚް އިމްރާނާއި މެދު ތަފާތު ހަގީގަތެއް ނެތް ވާހަކަތައް ފަތުރަމުންނެވެ.
ސަރުކާރުން ނުވަތަ ސިޔާސީ ފަރާތްތަކުން ހުށަހަޅާ ކަޅު ފައިސާ އަށާއި ތަފާތު "ޑީލްތައް" ހެދުމަށް ޖާގަ ނުދެއްވާ ކެރިގެން ކުރިއަށް ވަޑައިގަންވާނެ ފަދަ ބޭފުޅެއް ކަން މިއަދު ޖަލުގައި ހުންނަވައިގެން ވެސް މިދަނީ ދައްކަވަމުންނެވެ. އެބޭފުޅާގެ މޫނުމަތިން އަދިވެސް ފެންނަމުން ދަނީ ހިނިތުންވުމާއި އުފާވެރިކަމެވެ.
ޝެއިޚް އިމްރާންގެ އަބުރު ކަތިލުމަށް ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ކުރަމުން ގެންދާ ބަޔަކު ހަނދާން ކުރަންޖެހޭނެ ކަމަކީ. ﷲ ތަޢާލާ ޢިއްޒަތް ދެއްވި މީހެއްގެ ކިބައިން އެ ޢިއްޒަތް ނިގުޅައިގަތުން އެއްވެސް އިންސާނަކަށް ކުޅަދާނަވެގެން ނުވާނެކަމެވެ.