އާ ކޯޗު ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި، 1-1 އިން އިޕްސްވިޗު ޓައުންއާ އެއްވަރުވެއްޖެ އެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު ޔުނައިޓެޑަށް 12 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ޔުނައިޓެޑް މި ވަގުތު އޮތީ ލީގުގެ 12 ވަނައިގަ އެވެ. އިޕްސިވިޗް އޮތީ 9 ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގަ އެވެ.
އިޕްސިވިޗްގެ ދަނޑުގައި ކުޅުނު މި މެޗުގެ 90 ސިކުންތުގެ ތެރޭގައި ޔުނައިޓެޑުން ވަނީ ލީޑު ނަގާފަ އެވެ. އަމަދު ޑިއޯލާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ. ނަމަވެސް މެޗުގެ 43 ވަނަ މިނެޓްގައި އޮމާރީ ހަޗިންސަން ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ އިޕްސިިވިޗަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މި މެޗުގައި އިޕްސިވިޗުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާގެ ހުޝިޔާރުކަން ފެނިގެން ގޮސްފައިވާއިރު، ދެވަނަ ހާފުގައި ޔުނައިޓެޑުން ކުރިއަށް ޖެހިގެން ގޯލެއް ޖަހައި މޮޅުވެވޭތޯ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ.
ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި އެވަޓަންއާ އެވެ. އިޕްސިވިޗް ރަށުން ބޭރުގައި ނިކުންނާނީ ނޮޓިންހަމް ފޮރެސްޓާ އެވެ.