Last Updated: April 10, 10:54
Thursday, April 10, 2025
ޚަބަރު

އޭސީސީގެ ނައިބާއި މެމްބަރު ސަލާމް އިސްތިއުފާ ދީފި

އޭސީސީގެ ނައިބު ރައީސް.

އެންޓި-ކޮރަޕްޝަން ކޮމިޝަން އޭސީސީ) ގެ ނައިބު ރައީސް އަބްދުއްސަލާމް އާއި މެންބަރު ތޯހާ މުހައްމަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރަން މަޖިލީހުގެ ކޮމިޓީން އިއްޔެ ފާސްކޮށްފައި ވަނިކޮށެވެ.

ސަލާމާއި ތޯހާ ވަކިކުރުމަށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާއެއްކޮށް، އެ ދިރާސާގެ މައްޗަށް ކޮމިޓީން އެކުލަވާލި ރިޕޯޓް މިއަދުގެ ޖަލްސާގައި އެ ކޮމިޓީގެ މުގައްރިރު އަދި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް މަޖިލީހުގެ ތަޅުމަށް އިއްވެވި އެވެ.

އެގޮތުން ސަލާމަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ގޮތުގައި ކުރީގެ ބަންޑާރަނައިބެއްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ނަމަވެސް ދައުވާ ނުކުރެވޭނެ ކަމަށް ނިންމާ ފައިލް ކުރުމުގައި އިސް ދައުރެއް އަދާކޮށްފައިވުމާއި
ބިންވެރިޔާ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އިރުޝާދު ދީފައި ވަނިކޮށް ސަލާމް އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުރުސަތު ނުދީ މައްސަލަ ހުއްޓުވާފައިވުމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑު ކަމެއްގައި އަމިއްލަ މަސްލަހަތު އިސްކޮށްފައިވުމާއި އޭސީސީގެ އޮނިގަނޑު އިސްލާހުކޮށް ފޮރެންސިކް ސެކްޝަން ހަދާ އެތަނުގެ ހެޑްއަކަށް ކުރިން އެތަނުގައި މަސައްކަތްކުރި ނައިބު ރައީސާއި އެ ކޮމިޝަންގެ އެހެން މެންބަރަކާ ގާތްގުޅުމެއް އޮންނަ ފަރާތެއްގެ ނެގުމުގައި އަމަލީ ގޮތުން މަސައްކަތް ކުރުމާއި ވަކި ގޮތަކަށް މައްސަލަ ނިންމަން އެހެން މެންބަރުންނަށް ބާރު އަޅާ މައްސަލާގައި ހެކި ހުރި ނަމަވެސް ބޭނުން ގޮތަކަށް މައްސަލަ ނިންމުން ފަދަ ކަންކަން ހިމެނެ އެވެ.

ތޯހާއަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ގޮތުގައި އޭސީސީގެ މުވައްޒަފުން ވަކިކުރި މައްސަލަ ނިންމި ނިންމުން އޭސީސީން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް ތޯހާ ނުފޫޒުން އެ އިސްތިއުނާފު ބާތިލުކުރުމަށް އެދި ހައިކޯޓަށް ސިޓީ ފޮނުވާ އިސްތިއުނާފުގެ ދައުވާ ބާތިލުކުރުމާއި އޭސީސީ އަށް އަމަލުކުރަމުން ދިޔަ ގޮތާ ހިލާފަށް އެ މުވައްޒަފަށް ބަދަލު ނަގައި ދިނުމާއި
ކުރީގެ ބަންޑާރަނައިބެއްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރިނަމަވެސް ދައުވާ ނުކުރެވޭނެ ކަމަށް ނިންމާ ފައިލް ކުރުމުގައި އިސް ދައުރެއް އަދާކޮށްފައިވުން ހިމެނެ އެވެ.

ސަލާމާއި ތޯހާ ދެ މެންބަރުން ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓުގެ ގަޑީގައި ވޯޓަށް އަހަން ވެސް ނިންމާފައިވެ އެވެ.