Last Updated: December 26, 17:11
Thursday, December 26, 2024
ޚަބަރު

ކަރަންޓް ދާއިރާގެ ޑިޒައިން ފާސްކުރަން އާ އުސޫލެއް

ކަރަންޓުގެ ދާއިރާގެ ޑިޒައިންތައް ފާސްކުރުމަށް އެދި ހުށަހެޅުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ބުނީ ކަރަންޓުގެ ދާއިރާގެ ޑިޒައިންތައް ބަލާ ފާސްކުރުމުގެ މަސައްކަތް އަވަސްކޮށް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ 2 އިން ފެށިގެން ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ޑިޒައިންތައް ފާސްކުރުމަށް ހުށަހަޅާ އިރު އެ ޑިޒައިންތައް ރިވިއު ކުރެވޭނެ ފަރާތްތަކެއް އޮތޯރިޓީން އައްޔަންކޮށް ރިވިއު ކުރުމުގެ ލައިސަންސް ދީފައިވެ އެވެ. އެގޮތުން 10 ފަރާތެއް އައްޔަންކޮށްފައިވެ އެވެ.

އެ ފަރާތްތައް އައްޔަންކޮށްފައި ވަނީ ރިވުއު ކުރާނެ ފަރާތްތަކެއް ހޯދަން އާންމުކޮށް އިއުލާން ކުރުމަށް ފަހު އެވެ. އެ މީހުންގެ ލިސްޓް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ވެބްސައިޓްގައި www.ura.gov.mv ފެންނަން ހުންނާނެ އެވެ.

މި ގެނެވުނު ބަދަލާ އެކު ރިވިއު ކުރުމަށް ފަހު މި އޮތޯރިޓީ އަށް ހުށަހަޅާ ޑިޒައިންތައް ރަސްމީ ބަންދު ދުވަސްތައް ނުލައި ތިން ދުވަސްތެރޭ ޕްރޮސެސް ކުރެވޭނެ އެވެ.

ނަމަވެސް ރިވިއު ކުރުމާއި ނުލާ ކުރެހުންތައް ފާސް ކުރުމަށް ހުށަހެޅުމުގެ ފުރުޞަތު ވެސް ބޭނުންވާ ފަރާތްތަކަށް ލިބިގެންވާ ކަމަށް ޔުޓިލިޓީ އޮތޯރިޓީން ބުންޏެވެ. ރިވިއުނުކޮށް ހުށަހަޅާ ޑިޒައިންތައް ޕްރޮސެސްކުރުމަށް ރަސްމީ ބަންދު ދުވަސްތައް ނުލައި 30-90 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގާނެ އެވެ.

އެ އޮތޯރިޓީން ބުނީ މި ބަދަލާ އެކު ވެސް ކަރަންޓު ދާއިރާގެ ކުރެހުންތައް ފާސް ކުރުމަށް އެދޭނީ އެ ޚިދުމަތަށް އެދޭ ފޯމު މެދުވެރިކޮށް ކުރެހުމުގެ ވެރިފަރާތުން ނުވަތަ ވެރިފަރާތް އައްޔަން ކުރާ ފަރާތަކުން ކަމަށެވެ. އަދި ރިވިއުކުރުމަ ށްފަހު ފާސް ކުރުމަށް އޮތޯރިޓީއަށް ހުށަހަޅާ ކުރެހުންތައް އޮތޯރިޓީން ޗެކްކުރާނީ ރޭންޑަމްކޮށެވެ.

ރިވިއުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އެ މީހަކު ރިވިއުކުރާ ޑިޒައިންގެ ރިވިއުއަށް ފުރިހަމަ ޒިންމާ ނަގައި، ހުށަހަޅާ ހުރިހާ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކޮށްދޭ ރިވިއު ފޯމެއް އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހެ އެވެ.

ކުރެހުންތަކަށް ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ ރިވިއުކޮށްފައިވާ ފަރާތުގެ ރިވިއު ފޯމުގެ މައްޗަށް ބިނާކޮށެވެ.