Last Updated: December 22, 05:43
Sunday, December 22, 2024
ދުނިޔެ

ތިން ގައުމަކަށް ޓްރަމްޕްގެ އިންޒާރެއް!

ވެރިކަމުގެ ހުވާ ކުރައްވާ ފުރަތަމަ ދުވަހުގެ ތެރޭގައި، ތިން ގައުމަކުން އެމެރިކާ އަށް އެތެރެކުރާ ހުރިހާ މުދަލަކުން ނަގާ ޓެރިފްތައް ބޮޑުކުރައްވާނެކަމުގެ އިންޒާރު އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

އޭނަގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ސޯޝަލް ޓުރުތު' ގެ ޕޯސްޓްތަކެއްގައި ޓްރަމްޕް ވިދާޅުވީ ޓެރިފްތައް ބޮޑު ކުރާނެ ތިން ގައުމަކީ މެކްސިކޯ އާއި ކެނެޑާގެ އިތުރުން ޗައިނާ ކަމަށެވެ.

މި ތިން ގައުމަކީ އެމެރިކާގެ އެންމެ ބޮޑެތި ވިޔަފާރި ޕާޓްނަރުންނެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ޖެނުއަރީ މަހުގެ 20 ގައި ރައީސްކަމުގެ ހުވާކުރެއްވުމަށް ރިޔާސީ ގަރާރަކުން އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ މެކްސިކޯ އާއި ކެނެޑާ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް 25 ޕަސެންޓަށް ބޮޑު ކުރުން ކަމަށެވެ.

އަދި ޗައިނާ އިން އެތެރެކުރާ މުދަލުން ނަގާ ޓެރިފް އިތުރު 10 ޕަސެންޓް ބޮޑު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ވެރިކަމުގެ ފުރަތަމަ ދައުރުގައި ވެސް ޗައިނާއާ "ޖައްސާލުމުގެ" ސިޔާސަތެއް ގެންގުޅުއްވި ޓްރަމްޕް ވިދާޅުވީ ޗައިނާއާ ދެކޮޅަަށް އެފަދަ ފިޔަވަޅެއް އަޅަން ނިންމީ އެމެރިކާ އަށް ވަގަށް އެތެރެކުރާ ސިންތެޓިކް އޮޕިއޮއިޑް ފެންޓަނީލްއާ ދެކޮޅަށް ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ ކެނެޑާ އާއި މެކްސިކޯގެ ޓެރިފްތައް ބޮޑުކުރައްވާ ސަބަބަކީ އެ ދެ ގައުމުން އެމެރިކާ އަށް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވަން ބާރު އެޅުމަށާއި ގަވާއިދާ ހިލާފަށް އެ ގައުމުތަކުން ހިޖުރަކުރުން ވެސް ހުއްޓުވަން ކަމަށެވެ.

"މިއީ ކަންކަން އިސްލާހު ކުރަން އެ ދެ ގައުމަށް ދެވޭ ފުރުސަތަކަށް ވާނީ،" ޓްރަމްޕް ވިދާޅުވި އެވެ. "މިއީ ޒަމާންވީ ބޮޑު ދެ މައްސަލައަކަށް އެކަށީގެންވާ ހައްލެއް ގެންނަން މެކްސިކޯ އާއި ކެނެޑާ އަށް ދެވޭ އިތުރު ވަގުތަކަށް ވާނެ. އެހެންވީމަ މިކަމުން އަރައިގަތުމުގެ ބާރު އޮތީ ދެ އެ ގައުމަށް. އެހެން ނޫނީ ދައްކަން ޖެހޭ އަގު ހަމަ ވަރަށް ބޮޑު ވާނެ."

ޓްރަމްޕް ކުރިން އެމެރިކާގެ ރައީސްކަން ކުރެއްވޫ 2016-2020 އަށެވެ.