ދުންފަތުގެ އިސްތިއުމާލާ ދެކޮޅަށް ކުރާ މަސައްކަތްތަކާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް އައްޑޫގައި ހިންގައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ) އާއި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) ގުޅިގެން "ދަފަރާ" ކެމްޕޭންގެ ދަށުން "ޓްރޭނިން އޮން ބޭސިކްސް އޮފް ޓޮބޭކޯ ސެޒޭޝަން" ޕްރޮގްރާމެއް ބޭއްވީ މި މަހުގެ މަހުގެ 24 އާއި 25 އަށް ހިތަދޫގައި އެވެ.
އެ ޓްރެއިނިން ޕްރޮގްރާމްގައި އައްޑޫގެ ސިޓީގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލްގައި މަސައްކަތް ކުރާ ސިއްޙީ ހިދުމަތްތެރިން ބައިވެރިވި އެވެ.
ސެޝަންތައް ނަންގަވައި ދެއްވީ ދަމަނަވެށީގައި މަސައްކަތްކުރައްވާ ކަމުގެ ފަންނީ ބޭފުޅުންނެވެ. ތަމްރީނު ޕްރޮގްރާމުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމުން މީހުން ދުރުހެލި ކުރުމުގެ ގޮތުން ހުއްޓާލަން ބޭނުންވާ މީހުންނަށް، އެހީތެރިކަން ފޯރުކޮށް ދޭނެ ގޮތްތަކާއި އެކަމުގެ ހުނަރު ދަސްކޮށް ދީފައިވެ އެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިކަން ބޭނުންވާ މީހުންނަށް މި ޚިދުމަތްތައް އައްޑޫގައި ދެވޭނެ މަގު ތަނަވަސްކޮށް ދިނުމެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެޗްޕީއޭ އިން ވަނީ އައްޑޫ ސިޓީ ކައުންސިލާއި ކަމާ ގުޅުން ހުރި އެހެން އިދާރާ ތަކާއެކު މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވާފައިވެ އެވެ.
ހަމަ މިއާއެކު "ދަފަރާ" ކެމްޕޭންގެ ދަށުން އައްޑޫގެ ސްކޫލުތަކުގެ ބެލެނިވެރިންނާ މުދައްރިސުންނަށް އަމާޒުކޮށް ވަނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ވެސް ބާއްވައިފަ އެވެ.
މިފަދަ ޕްރޮގްރާމްތަކެއް ދާދި ފަހުން ވަނީ ނ.އަ ތޮޅު ހޮސްޕިޓަލާއި ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ތ. އަތޮޅު ހޮސްޕިޓަލާއި ގުޅިގެން ވެސް ހިންގައިފަ އެވެ.
އެގޮތުން މި ތަމްރީނުތަކުގައި ބައިވެރިވި ޞިއްޙީ ޚިދުމަތްތެރިންނަށް ސެޓްފިކެޓް ވެސް ދީފައިވެ އެވެ.