ސަރުކާރާއި މެދު އުފެދުނު ސިޔާސީ ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ބޮޑެތި ފިއްތުން ތަކާއި ކުރިމަތިވެވަޑައިގެންނެވި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް ގިނަ ދުވަސްތަކެއް ވައްދެން ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
ރާއްޖޭގެ ވެރިކަމަށް ދެން ކުރިމަތި ނުލައްވަން ނިންމަވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މި ފަސް އަހަރުގެ ދައުރު ހަމަވުމުން މަޖިލީހުގެ މެމްބަރު ކަމަށް ވެސް ކުރިމަތި ނުލައްވާނެ ކަން ވެސް ވަރަށް ފަހުން ޤާސިމް ވަނީ އިއުލާން ކުރައްވާފައެވެ.
ގިނަ ދުވަސްތަކަކަށް ފަހު ޤާސިމް މިއަދު އެނބުރި ރާއްޖެ ވަޑައިގަންނަވާފައި ވާއިރު އެމަނިކުފާނުގެ ވިލާ ގްރޫޕުން ދައުލަތަށް ދައްކަންޖެހޭ ބިމު ކުއްޔާއި ޖޫރިމަނާ ފައިސާ ދައްކަން އެއްބަސްވުމުން ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ އެކައުންޓްތައް މީރާއިން ވަނީ ދޫކޮށްލާފައެވެ. ވިލާ ގްރޫޕުން ދައުލަތަށް 90.4 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) ދައްކަން ޖެހޭ ކަމަށް މީރާ އިން ބުނި ނަމަވެސް ވިލާ އިން އެންމެ ފުރަތަމް ބުނަމުން ގޮސްފައި ވަނީ އެއީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށެވެ.
އެމްޑީޕީ އާއި ގުޅިގެން ސަރުކާރާއި ދެކޮޅު ޙަރަކާތްތަކެއް ފެއްޓެވުމަށް ފަހު ޤާސިމް އިބްރާހިމް ކުއްލިގޮތަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައި ވަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ބޮޑު މުޒާހަރާއަކަށް ތައްޔާރުވެފައި އޮތް ދަނޑިވަޅެއްގައެވެ.
އޭގެ ފަހުން ވެސް ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާތަކާއި ގުޅިގެން ޤާސިމް އާއި އެބޭފުޅާގެ ވިޔަފާރިތަކަށް ސަރުކާޜުން ކުރިމަތި ކުރުވި ފިއްތުން ތަކުގެ ސަބަބުން ޤާސިމް ވަނީ މުޒާހަރާތަކުގައި ޖޭޕީގެ މެންބަރުން ބައިވެރި ނުވުމަށް ވެސް ގޮވާލާފައެވެ. އަދި ސީދާ ޤާސިމަށް ވެރިކަމަށް ކުރިމަތި ނުލެވޭ ފަދަ ގޮތަކަށް ޤާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް މަޖިލީހަށް ހުށަހެޅި އިސްލާޙަށް ވެސް ވޯޓް ދެއްވުމަށް އެމަނިކުފާނުގެ ޕާޓީގެ މެންބަރުންނަށް އަންގަވާފައިވެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ޤާސިމް ރާއްޖެއިން ބޭރުގައި ހުންނެވުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން ޤާސިމް ވިދާޅުވެފައިވަނީ އެމަނިކުފާނު ބެންކޮކަށް ވަޑައިގެން އުޅުއްވަނީ އާގު ބޯޓެއް ޑޮކަށް ލެއްވުމަށް ކަމަށެވެ.