އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެންނަން ދެ ފަރާތުން ވެސް އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނުން ފެށިގެންނެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމާއި ގުޅޭގޮތުން ހިޒްބުﷲ ގެ ފަރާތުން އިޒްރޭލާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ލުބްނާނުގެ ސަރުކާރުންނެވެ.
އެމެރިކާ އާއި ފްރާންސްގެ ބޮޑު ބައިވެރިވުމާއެކު އެކުލަވާލި އެއްބަސްވުމުގައިވާ ގޮތުން އިޒްރޭލުގެ ސިފައިން 60 ދުވަހުގެ ތެރޭގައި ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކުން ފައިބާނެ އެވެ. އަދި އެ ސަރަހައްދުތަކުގެ ކޮންޓްރޯލް އަނބުރާ ލުބްނާނުގެ އަސްކަރިއްޔާ އިން ނެގުމަށް ހަމަޖެހިފައިވާއިރު، މިކަން މޮނީޓާ ކުރުމަށް އެމެރިކާ އާއި ފްރާންސްގެ ސުލްހަ ބަލަހައްޓާ ފައުޖުތައް ހަރަކާތްތެރިވާނެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެންނަން އެއްބަސްވި ސަބަބުތަކުގެ ތެރޭގައި އިރާނުގެ ނުރައްކަލަށް ފޯކަސް ކުރުމާއި، ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާއި ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ކަމަށެވެ.
ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމަށް ލުބްނާނުގެ ބޮޑުވަޒީރު ނަޖީބް މިކާތީ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި މިކަމުގައި އެމެރިކާ އާއި ފްރާންސުން އަދާކުރި ދައުރަށް އެ ދެ ގައުމަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރު 8 ވަނަ ދުވަހުން ފެށިގެން ލުބްނާނަށް ދެމުންދާ ހަމަލާތަކުގައި 3،768 މީހުން ވަނީ ޝަހީދުވެފަ އެވެ. އެގޮތުން އިއްޔެ އެކަނި ވެސް އިޒްރޭލުން ދިން ހަމަލާތަކުގައި 25 މީހަކު ވަނީ ޝަހީދުވެފަ އެވެ. މި ހަމަލާތަކުގެ ރައްދުގައި ހިޒްބުﷲ އިން ވެސް ވަނީ އިޒްރޭލަށް ހަމަލާތައް ދެމުންނެވެ.