ރަމަޟާން މަސް ނިމެން ކައިރިވެފައިވާއިރު އައްޑޫގައި ކަރާގެ އަގު އިންތިހާއަށް ބޮޑުވެއްޖެއެވެ.
މި ރަމަޟާން މަހު އައްޑޫއަށް އެތެރެ ކުރި ކަރާ ހުސްވުމަކަށް އައިސްފައިވާ އިރު ކަރާ ކިލޯއެއްގެ އަގު މިވަނީ 50ރުފިޔާއިން މަތީގައެެވެ. އައްޑޫގެ ވިޔަފާރިވެރިން ބުނީ ކަރާ ލިބުން ދަތިވެގެން އުޅެނީ އާއްމުކޮށް ކަރާ ހައްދާ މީދޫގެ ދަނޑުތަކަށް އެކަށީގެންވާ މިންވަރަށް ކަރާ ނުއުފެއްދުމުން ކަމަށެވެ. އަދި ހުވަދޫން ވެސް މިފަހަރު ކަރާ އެކަށީގެންވާ މިންވަރަށް ނުލިބޭތީ ކަމަށެވެ.
ރަމަޟާން މަސް ފެށުނު އިރު އާއްމުކޮށް ކަރާ ކިލޯއެއް 12 ރުފިޔާއަށް ވިއްކި ނަމަވެސް ދޭތެރެ ދޭތެރެއިން 15 ރުފިޔާ އަށް ވެސް ކަރާގެ އަގު އުފުލިގެން ގޮސްފައިވެއެވެ.
މި ރަމަޟާން މަހު ކަރާއަށް އޮތް ޑިމާންޑާއި އެއްވަރަށް ކުރުނބާއަށް ވެސް ޑިމާންޑް ބޮޑުވެފައިވާ ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކުރުނބާގެ އަގު މިވަގުތު އުޅެނީ 15 ރުފިޔާ އާއި 12 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ.
މި އަހަރުގެ ރަމަޟާން މަހު އައްޑޫގެ ސުޕަމާކެޓް ތަކުން ތަރުކާރީއާއި މޭވާގެ ބާވަތްތައް ވެސް ލިބުން ވަރަށް ދަތިވެފައިވާއިރު ފިހާރަތަކުން އެ ބާވަތްތައް ވިއްކާފައިވަނީ ވެސް ވަރަށް ބޮޑު އަގުގައި ކަން ފާހަގަކޮށްލެވެއެވެ.
އައްޑޫގެ ވިޔަފާރިން ބުނާ ގޮތުގައި ރޯދައަށް ބޭރުން ގެނައި ތަރުކާރީ އާއި މޭވާ އައްޑޫއަށް ގެނައުމުގައި އައިލެންޑް އޭވިއޭޝަން ކާގޯއިން ޖާގަ ނުލިބުމުގެ ސަބަބުން ހަލާކުވެގެން އުކާލަން ޖެހުނު ކަމަށެވެ.