ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމާއި ހަމައަށް ސ.ގަން އޮތީ އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުގައެވެ. އިނގިރޭސީން އައްޑޫގައި ތިބި ދުވަސްވަރު ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް ރާއްޖޭގެ ކަންކޮޅުތަކުން އައްޑޫ އަށް އައި ވާހަކައަކީ މިއަދުވެސް ފަޚުރުވެރިކަމާޢި އެކު އައްޑޫގެ ރައްޔިތުން ދައްކަމުން ގެންދާ ވާހަކައެކެވެ.
އިނގިރޭސިން ގަމުން ފޭބީ އައްޑޫގެ ރައްޔިތުންނަށް ފުރިހަމަ އެއަޕޯޓަކާއި އެއާޕޯޓަށް ބޭނުންވާ ޖެޓް ފިއުލް އާ އެކު އެއް މިލިއަން ގެލަނަށް ވުރެ ގިނަ އަދަދެއްގެ ތެޔޮ ރައްކާ ކުރެވޭ ފިއުލް ފާމެއް ދީފައެވެ. އައްޑޫގެ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާކުރެވޭ ގޮތަށް އިނގިރޭސިންގެ ދުވަސްވަރު އައްޑޫގައި ހިންގި ހޮސްޕިޓަލް ވެސް އެމީހުން ދިޔައީ ހުރިހާ ވަޞީލަތްތަކާޢި އެކު އައްޑޫގެ ރައްޔިތުންނަށް ހެޔޮ ހިތުން ހަދިޔާކޮށްފައެވެ.
އެހެން ނަމަވެސް އޭގެ އަހަރުތަކެއް ފަހުން މާލޭ ސަރުކާރުން "ޣަނީމާ" މުދާ ގެންދާ އުސޫލުން ތެޔޮ ފާމުގައި ހުރި ޓޭންކުތައް ވެސް ގެންގޮސްފައެވެ. އިނގިރޭސިންގެ ދުވަސްވަރު އައްޑޫގައި ހިންގި ހޮސްޕިޓަލްގައި ހުރި ހުރިހާ ސާމާނެއް ވެސް ގެންދިޔައީ މާލޭގައި ހުރި ސެންޓްރަލް ހޮސްޕިޓަލުގައި ބޭނުންކުރުމަށް ގެންގޮސްފައެވެ.
އިނގިރޭސިންގެ ގަމުގައި އުޅުނު ދުވަސްވަރު ގަމަށް މަސައްކަތު ދިޔަ މީހުން ބުނާ ގޮތުން ނަމަ ”އިނގިރޭސިން ގަމުން ފައިބައިގެން ދިޔައީ ލިޔަން ގެންގުޅުނު ގަލަން ވެސް ދޯރި ޖެހުމަށް ފަހު މޭޒުމަތީގައި ބާއްވާފައި" ކަމަށް ވެއެވެ.
އެހެން ނަމަވެސް އޭގެ 50 އަހަރު ފަހުން މިއަދު ގަމަށް ބަލާލާއިރު އިނގިރޭސިން އައްޑޫގައި ބިނާކުރި ބައެއް އިމާރާތްތަކާއި އެ އިމާރާތްތަކުގައި ހުރި ވަޞީލަތްތައް ނެތްކަން ފާހަގަކޮށްލެވެއެވެ.
"ކަލޭމެންނަށް އަހަރުމެން ދިން ހުރިހާ އެއްޗެއް ބަހައި ހުސްކުރީ ކަލޭމެންގެ މޮޔަކަމުންނެވެ". މިއީ ދާދި ފަހުން އައްޑޫގައި ބޭއްވި އާރް.އޭ.އެފް ރީޔޫނިއަންގައި ބައިވެރިވި އިނގިރޭސިވިލާތުގެ ކުރީގެ ސިފައިންގެ މީހަކު އައްޑޫގެ ރައްޔިތުންނާއި މުޚާތަބުކޮށް ބުނި ޖުމްލައެކެވެ. ޙަޤީގަތަކީ އައްޑޫގެ ރައްޔިތުން އެ އެއްޗެހި ބެހީ އެއް ނޫނެވެ. ބަޔަކު އައްޑޫގައި ހުރި ވަޞީލަތްތައް ފޭރިގަތީކަމެވެ.
ދިވެހިރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު މިމަހުގެ 26 ވަނަ ދުވަހު ފުރިގެންދާއިރު އައްޑޫގެ ރައްޔިތުން އެމީހުންގެ އަމިއްލަ ނަފްސާއި ކޮށްލަން އެންމެ ރަނގަޅު އެއް ސުވާލަކީ ފާއިތުވި 50 އަހަރު ދުވަހު އައްޑޫގެ ތަރައްޤީއަށް ސަރުކާރުތަކުން ކޮށްދިނީ ކޮންކަމެއް ތޯއެވެ؟ މިނިވަން ކަމުގެ ދަޅަ ދެއްކުމަށް ފަހު އައްޑޫގެ ރައްޔިތުންނަށް 50 އަހަރުގެ ތެރޭގައި އައްޑޫގެ ރައްޔިތުންނަށް ލިބުނު ތަރައްޤީ އަކީ ކޮބައިތޯ ސުވާލު އުފައްދަން ޖެހެއެވެ.
ދިގު 30 އަހަރު ދުވަހު އައްޑޫ އަށް ރައީސް މައުމޫން ގެނެސްދެއްވި ތަރައްޤީގެ ގޮތުގައި ފާހަގަ ކުރެވެން އޮތީ ތާރު އަޅައިގެން ހަދާފައިވާ ލިންކް ރޯޑާއި ހިތަދޫ ޒޯން ސްޓޭޑިއަމް އަދި އެ ހޮސްޕިޓަލަކާއި މެދު އައްޑޫގެ ރައްޔިތުންގެ އެންމެ ގިނައިން ޝަކުވާ ކުރާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލެވެ.
އެއްވެސް ޕްލޭނެއް ނެތި ތަރައްޤީ ކުރި ހެރެތެރެ ރިސޯޓާއި އަދި ޝަންގްރިއްލާ ރިސޯޓުގެ އިތުރުން އެމަނިކުފާނުގެ ޒަޢާމަތުގައި ގަން އެއާޕޯޓުގައި އެޅުވި އިންޓަނޭޝަނަލް 'ނަން ބޯޑެވެ'. އަދި އައްޑޫ ރައްޔިތުންގެ ބަހުން ނަމަ "2 ތިން ކޮތަޅު ސިމެންތި ބޭނުންކޮށްގެން ހަދައިދިން ބަނދަރު" ތަކެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި އައްޑޫގެ ރައްޔިތުންނަށް މަސްވެރިންގެ އެރީނާ އާއި އިންޓަނޭޝަނަލް އެއާރޕޯޓްގެ އިތުރުން 100 އެނދުގެ އާ ހޮސްޕިޓަލުގެ ހުވަފެން ދެއްކި ނަމަވެސް އެ ހުވަފެންތައް ހަޤީޤަތަކަށް ވެފައެއް ނުވެއެވެ. އައްޑޫގެ ރައްޔިތުންގެ ތެރެއިން ގިނަބައެއްގެ ހިތްތަކުގައި ރައީސް މައުމޫން އާއި މެދު ރުޅިވެރިކަން އުފެދި މައުމޫނުގެ ވެރިކަން ނިންމުމަށް ނިކުތް ސަބަބެއް ކަމުގައި ގިނަ ބަޔަކު ފާހަގަ ކުރަނީ މައުމޫނުގެ ވެރިކަމުގައި އައްޑޫގެ ރައްޔިތުންނަށް ޖެއްސި ހާލެވެ.
ރައީސް މައުމޫނަށް ފަހު ދިވެހިރާއްޖޭގެ ވެރިކަމަށް ރައީސް ނަޝީދު ގެނައުމަށް އައްޑޫގެ ރައްޔިތުން ނިކުތީ ތަރައްޤީ އަށް ފެންބޮވައިގެންފައި ތިބި ވަރުންނެވެ. ނަޝީދު ވެރިކަމަށް ގެނައުމަށް އައްޑޫ ރައްޔިތުން ކުރި މަސައްކަތުގެ އަގު ވަޒަންކޮށް ނަޝީދު ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައްޑޫގެ ތަރައްޤީގެ މަޝްރުއު މެކުހަށް ޖަހާފައެވެ.
ހިތަދޫ މާމެންދޫ ސަރަހައްދުގެ ޗަސް ބިމެއް ހިއްކައި ދެކުނު އޭޝިއާގައި ނެތް ފެންވްރުގެ ކޮންވެންޝަން ސެެންޓަރެއް ބިނާ ކުރެއްވިއެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ބޮޑު މަގު ތާރުއަޅައިގެން ހަދަން ފެށުމާއި، އެތައް ޒަމާނަކަށް އައްޑޫ ރައްޔިތުން އިންތިޒާރު ކުރި ފެނާއި ނަރުދަމާގެ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެއްޓެވިއެވެ.
ތަރައްޤީގެ ގިނަ މަސައްކަތްތަކެއް އެމަނިކުފާން ފެއްޓެވި ނަމަވެސް ދެއަހަރާއި ބައިގެ މުއްދަތެއްގައި ނަޝީދުގެ ސަރުކާރު ވެއްޓުނެވެ.
ނަޝީދުގެ ވެރިކަމުގައި އައްޑޫއަށް ތަރައްޤީ އަންނަން ފެށިތަން ފެނިގެން ދިޔައެވެ. ނަމަވެސް ނަޝީދު އާއި އެކު އެތަރައްޤީ މިވަނީ އަދު ގެއްލިފައެވެ.
ދައުލަތުގެ ހަޒާނާއިން ބިނާ ކުރި ކޮންވެންޝަން ސެންޓަރު މުޅިން ވީރާނާކޮށްލައިފިއެވެ. އެތަނުގެ ބޭނުމަށް ގެނައި ސާމާން މާލެ ގެންގޮސް ހުސްކޮށްފިއެވެ. ތަރައްޤީއަށް އެއްވެސް މަސައްކަތެއް ނުކުރާއިރު ކުރަން އުޅޭތަނެއްވެސް ނުފެނެއެވެ.
މިނިވަން 50 ފާހަނގަ ކުރާއިރު އަޅުގަނޑުމެން އައްޑޫ ރައްޔިތުން ފާހަނގަ ކުރަން ޖެހެނީ ދިރުމެއް ނުލިބި ދިޔަ ވީރާނާ 50 އަހަރެވެ.