Last Updated: November 25, 14:49
Monday, November 25, 2024
ޚަބަރު

އައްޑޫގެ ގޭބިސީތަކަށް ދޭ ކަރަންޓް ޔުނިޓަކުން 60 ލާރި ބޮޑުކޮށްފި

ފެނަކަ ކޯޕަރޭޝަންގެ އައްޑޫގެ އިސްބޭފުޅުންތަކެއް، ފޮޓޯ: ފެނަކަ

އައްޑޫގެ ވިޔަފާރިތަކުގެ ކަރަންޓް ބިލް މިދިޔަ އެޕްރީލް މަހު ބޮޑުކޮށްގެން އެކަމާއި ވިޔަފާރިވެރިން އިހްތިޖާޖް ކުރުމުން ވެސް ކަރަންޓް ބިލް ކުޑަ ނުކޮށް މިމަހު އައްޑޫގެ އާއްމު ގެތަކުގެ ކަރަންޓް ބިލް ފެނަކައިން ބޮޑުކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިދިޔަ މަހުގެ ތެރޭގައި އެކުންފުނީގެ ބިލިން ސިސްޓަމަށް ބަދަލު ގެންނަ ކަމަށް ބުނެފައިވާ އިރު މިމަހު ގެތަކަށް ފޮނުވި ބިލްގައި ވަނީ ކުރިން އެންގުމަކާއި ނުލައި ޔުނިޓަކުން 60 ލާރި ބޮޑު ކޮށްފައެވެ.

ގޭބިސީތަކަށް ފޮނުވި ބިލްގެ ތެރެއިން 31 މެއި 2015 ޖަހައިފައިވާ ބިލްގައި ކަރަންޓް ބޭނުން ކުރި ޢަދަދު 100 ޔުނިޓާ ހަމައަށް އަރާނަމަ ޔުނިޓަކަށް ދައްކަން ޖެހެނީ 2.20ރ އެވެ. 101 ޔުނިޓާއި 200 ޔުނިޓާއި ދެމެދު ދައްކަން ޖެހެނީ 2.75 ރ އެވެ. 201 އާއި 300 ޔުނިޓާއި ދެމެދު ދައްކަން ޖެހެނީ 3.5ރ އެވެ. 301 އާއި 400 ޔުނިޓާ ދެމެދު ދައްކަން ޖެހެނީ 3.5ރ އެވެ. އަދި 400 ޔުނިޓުން ފެށިގެން މަތީގެ ކޮންމެ ޔުނިޓަކަށް ދައްކަން ޖެހެނީ 3.50ރ އެވެ.

ނަމަވެސް ބިލްގެ ތާރީޚުގެ ގޮތުގައި 1 ޖުލައި 2015 ޖަހައިފައިވާ ބިލްގައި ވަނީ އެ ރޭޓުތައް ބޮޑުވެފައެވެ. އެގޮތުން ކަރަންޓް ބޭނުން ކުރި ޢަދަދު 100 ޔުނިޓާ ހަމައަށް އަރާނަމަ ޔުނިޓަކަށް ދައްކަން ޖެހެނީ 2.80ރ އެވެ. 101 ޔުނިޓާއި 200 ޔުނިޓާއި ދެމެދު ދައްކަން ޖެހެނީ 3.30ރ އެވެ. 201 އާއި 300 ޔުނިޓާއި ދެމެދު ދައްކަން ޖެހެނީ 3.60ރ އެވެ. 301 އާއި 400 ޔުނިޓާ ދެމެދު ދައްކަން ޖެހެނީ 4.10ރ އެވެ. އަދި 400 ޔުނިޓުން ފެށިގެން މަތީގެ ކޮންމެ ޔުނިޓަކަށް ދައްކަން ޖެހެނީ 4.10 އެވެ.

އައްޑޫގެ ވިޔަފާރިތަކުގެ ކަރަންޓްގެ އަގު ބޮޑު ކުރި މައްސަލާގައި ވިޔަފާރިވެރިން އިހްތިޖާޖު ކުރުމުންވެސް ފެނަކަ ކޯޕަރޭޝަނުން ވަނީ އެކަމަށް އިޖާބަ ނުދީފައެވެ. އަދި ބިލް ނުދައްކައިގެން ވިޔަފާރިތަކުން ކަރަންޓް ކަނޑަމުން ގޮސް ހިތަދޫގައި ހުންނަ އައިއެމްޑީސީ ހޮސްޕިޓަލުންވެސް ވަނީ ކަރަންޓް ކަނޑާލާފައެވެ.

ފެނަކަ ކޯޕަރޭޝަނުން ކަރަންޓްގެ އަގު ބޮޑު ކުރި އިރު އެކުންފުނީގެ މުވައްޒަފުންނަށް ބިރު ދައްކައިގެން ޓެލެޑްރާމާއަށް އެސްއެމްއެސް ވޯޓު ހޯދުމަށް ފައިސާ ހޯދާ މައްސަލަ ވަނީ ފެންމަތިވެފައެވެ.