Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ޒަކާތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ: ޝަހީމް

އެންމެ ބޮޑު އުފުލަކީ މިހާރުގެ ސަރުކާރުން އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މުއައްސަސާތައް ހަރުދަނާކޮށް ކުރިއެރުވުމަށް އެއްބާރުލުންދޭތީ ކަމަށާއި އޭގެ ސަބަބުން ޒަކާތުގެ ދާއިރާ އަށް ވެސް ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީން އިންތިޒާމުކޮށްގެން މިއަދު ފެށި އިންޓަނޭޝަނަލް ޒަކާތި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޝަހީމު ވިދާޅުވީ ޒަކާތުގެ ކަންކަން ހަރުދަނާކޮށް ކުރިއެރުވުމަށް ހާއްސަ އިދާރާއެއް އުފައްދައި އިސްލާމީ ފިޤުހުގެ އަލީގައި އެ މުއައްސަސާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އެއްބާރުލެއްވުމަކީ ރާއްޖޭގެ ވެރިއެއްގެ ފަރާތުން މިފަދަ ކަމަކަށް ދެއްވާނެ އެންމެ ފުރިހަމަ އެއްބާރުލެއްވުން ކަމަށެވެ.

އެހެންވެ އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ޒަކާތު ދާއިރާ ހަރުދަނާ ކުރަން މި ސަރުކާރުން މޯލްޑިވްސް ޒަކާތު ހައުސް މިދިޔަ ޑިސެމްބަރު 15 ގައި އުފައްދަައި، އެތަން އިފުތިތާހުކުރީ މި އަހަރުގެ ޖެނުއަރީ 2 ގަ އެވެ.

ޝަހީމު ވިދާޅުވީ، ކުރިއާ އަޅާ ބަލާ އއިރު ޒަކާތަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށާއި، އަހަރެެއްގެ ތެރޭގައި ޒަކާތަށް ޖަމާވާ އަދަދު 100 މިލިއަނާއި ގާތްކުރާ ވަރަށް ކުރިއަށް ގޮސްފައިވާ ކަމަށެވެ. އަދި އެކަމުން ދައްކުވައި ދެނީ ޒަކާތަށް އާއްމުންގެ ހޭލުންތެރިކަން އިތުރުވަމުން އަންނަ މިންވަރު ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޒަކާތު ހައުސް އުފެއްދި ފަހުން ޒަކާތަށް ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިއަދި ފެށީ ކޮންފަރެންސަކީ ވެސް އެފަދަ މުހިއްމު މަސައްކަތެއް ކަމަށެވެ.

ޝަހީމް ވިދާޅުވީ، މި ކޮންފަރެންސްގެ ޒަރިއްޔާއިން ޒަކާތާ ގުޅޭ ޢިލްމީ މުހިއްމު ވާހަކަތަކެއް ދެކެވި، މުހިއްމު ކަންކަމާ މެދު މަޝްވަރާ ކުރެވި ޚިޔާލު ބަދަލު ކުރެވިގެން ދާނެ ކަމަށެވެ.

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ހަމަޖެހިފައިވެ އެވެ.