Last Updated: April 11, 11:14
Friday, April 11, 2025
ޚަބަރު

ގުޅީގައި ފާނަބަސަންދު ކޮންޓްރޯލްވެއްޖެ: އެޗްޕީއޭ

ކ. ގުޅީގައި މިހާތު ފާނަބަސަންދު ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕިއޭ) އިން ބުނެފި އެވެ.

މި މަހުން ފެށިގެން އެ ރަށުގައި ފާނަބަސަންދުގެ ކޭސްތައް އިތުރުވަމުން ފާއިތުވި ތިން ދުވަހު އެއްވެސް ކޭހެއް ފެނިފައެއް ނުވެއެވެ.

އެޗްޕީއޭ އިން ބުނީ މިހާތަނަށް ގުޅިން ފެނިފައިވަނީ ފާނަބަސަންދުގެ 22 ކޭސް ކަމަށެވެ.

އެގޮތުން ބަލީގެ ދެ މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ އިރު، މި ވަގުތު ސީރިއަސްވެގެން ފަރުވާދެމުން އަންނަ އެއްވެސް މީހަކު ނެތެވެ.

ގުޅީގައި ފާނަބަސަންދު ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިހާތަނަށް 87 މީހަކަށް ވަނީ ވެކްސިން ދީފައިވެ އެވެ. އޭގެ ތެރޭގައި ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އާންމުން ހިމެނެ އެވެ. މީގެ އިތުރުން އާއްމުންނާއި ސްކޫލް ކުދިންނާއި ބެލެނިވެރިންނަށް ބައްޔާ ގުޅޭ މައުލޫމާތު ދިނުމުގެ ޙަރަކާތްތައް އެ ރަށުގައި ކުރިއަށް ގެންގޮސްފައިވެ އެވެ.

އެޗްޕީއޭ އިން ބުނީ ފާނަބަސަންދުގެ ކޭސްތައް އާންމުކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކު ވެސް ރިޕޯޓްކުރާ ކަމަށެވެ.

* ފާނަބަސަންދާ ގުޅޭ ބައެއް މުހިންމު މައުލޫމާތު:

ފާނަބަސަންދު އަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. އަދި މި ބައްޔަކީ އާއްމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެއް، ނަމަވެސް ބޮޑެތި މީހުންނަށް ވެސް މި ބަލި ޖެހެއެ ވެ.
ބަލި ޖެހުމުން ފެންނާނެ އާންމު އަލާމާތްތަކަކީ ހުންއައުން، ވަރުދެރަވުން، ނޭފަތުން ފެންއައުން، ހަމުގައި ބިހިތަކެއް ނެގުމެވެ. މި ބިހިތައް ފެންފޮޅުތަކަކަށް ބަދަލުވެއެވެ. މި ބިހިތަކަކީ ވަރަށް ހިރުވާ އަދި ފަސޭހައިން ފަޅައިގެންދާ ބިހިތަކެކެވެ، އަދި ދެތިން ދުވަސްތެރޭގައި ހަށިގަނޑުގެ އެކިތަންތާގައި ފެންބިހި ގޮތަށް ހުންނަ ބިހި ނަގަން ފަށަ އެވެ.

* ފާނަ ބަސަންދު ފެތުރޭ ގޮތް:

– ބަލިޖެހިފައި ހުރި މީހަކު ކެއްސާ ކިނބިހި އަޅާ ހަދާއިރު، ނޭވާލާ ނިޒާމުގެ ޒަރީޔާއިން.
– ބަލި މީހާގެ ގައިގައި ބިހިނަގަން ފެށުމުން، އެމީހާގެ ގައިގައި ބީހުމުން ނުވަތަ އޭނާ ބޭނުންކޮށްފައިވާ ތުވާލި، އަންނައުނު ފަދަ ތަކެތީގައި ބީހުމުން
– ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން މި ބަލި އެކަކުގެގައިން އަނެކެއްގެ ގަޔަށް ފެތުރުމުގެ ފުރުސަތު އޮންނާނެ
– ކުރިން ފާނަބަސަންދު ނުޖެހޭ ކޮންމެ މީހަކީ ބަލިޖެހިދާނެ މީހެއް. އެއްފަހަރު މި ބަލި ޖެހިއްޖެނަމަ ދެވަނަ ފަހަރަށް މި ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ.

ފާނަބަސަންދު ޖެހުމުން ރައްކާތެރި ވެވޭނީ ކިހިނެތް؟

– ބަލި ޖެހިފައިވާ މީހުން ގާތަށް ޒިޔާރަތް ނުކުރުން
– މި ބަލި ޖެހިފައިވާ މީހާ/ކުއްޖާ އޭނާގެ ގައިގައި ނަފާފައިވާ ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން ބޭރު ތެރެއަށް ނުނިކުތުން
– ފާނަބަސަންދު ޖެހިއްޖެ ނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުން
– ބަލި ފަސޭހަވަންދެން ހިފާ ގެންގުޅޭ ތަކެތި (އަންނައުނު، ތުވާލި ކުޅޭ އެއްޗިހި ފަދަ ތަކެތި) ވަކި ކުރުން

މި ބަލިން ރައްކާތެރިވުމަށް ޗިކަންޕޮކްސް ވެކްސިން ޖެހުން މުހިންމެވެ. މި ވެކްސިން އާއްމުގޮތެއްގައި ފާމަސީތަކުން ލިބެން ހުންނާނެ އެވެ.