އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރުނު އަމުރު ރާއްޖެއިން ތަންފީޒުކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން މިހެން ވިދާޅުވީ ނަތަންޔާހޫ ރާއްޖެ އަތުވެއްޖެނަމަ ހައްޔަރުކުރާނެތޯ ސުވާލުކުރުމުން އޭނާ ހަނު ހުންނެވި ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓުކުރި ހަބަރަކާއި ގުޅިގެންނެވެ.
އެ ހަބަރާއި ގުޅިގެން އިހުސާން މިރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖެއަކީ އިންޓަނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާ ނުކޮށް ތަންފީޒުކުރާނެ ޤައުމެއް ކަމަށް ވިދާޅުވެފަ އެވެ.
ޒިއްމާދާރު ނޫސްވެރިކަމުގެ ނަމޫނާއެއް.. މި ނޫހަށް “އެކްސް ގަ އެކަކު އަނެކަކާ ކުރާ ސުވާލުތަކުގެ ހިސާބު ބެލެހެޓުމުގެ ދާއިރާއިން “ ހިއްވަރުދިނުމުގެ އިނާމުދޭންފެނޭ. 🏅. ނޫސްވެރިޔާ އަޅުގަނޑާ މި ސުވާލު ކޮށްލެއްވިނަމަ! ދިވެހި ރާއްޖެއަކީ އިންޓަރނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު… https://t.co/l2HuccRm5x
— Minister of Homeland Security & Technology (@min_mohst) November 28, 2024
ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީ އިން އަމުރު ނެރެފައިވަނީ އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމާއި ގުޅިގެންނެވެ. ނަތަންޔާހޫގެ އިތުރުން އޭނާގެ ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޮއާވް ގަލާންޓް ހައްޔަރުކުރަން ވެސް އައިސީސީން ވަނީ އަމުރު ނެރެފަ އެވެ.
އައިސީސީ އަކީ ގަތުލުއާންމުތަކާއި އިންސާނިއްޔަތާ ހިލާފު ކުށްތަކާއި ހަނގުރާމައިގެ ކުށްތައް އަދި ގައުމުތަކަށް ފިޔަވަޅު ނޭޅޭ ނުވަތަ އަޅަން ބޭނުން ނުވާ މައްސަލަތައް ބަލާ ކޯޓެކެވެ. އައިސީސީގެ މެމްބަރު ގައުމުތަކުގެ ގޮތުގައި 124 ގައުމު އޮވެ އެވެ. މީގެ ތެރޭގައި ރަޝިޔާ، ޗައިނާ، އިޒްރޭލު، އިންޑިއާ އަދި އެމެރިކާއެއް ނުހިމެނެ އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 44،000 އަށް ވުރެ މައްޗަށް އަރާފަ އެވެ. ފާއިތުވި 24 ގަޑިއިރު އެކަނި ވެސް ގާޒާ އިން ވަނީ 71 މީހަކު ޝަހީދުކޮށްލާފަ އެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ވަނީ ގޮސްފަ އެވެ. އަދި ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.