ރައްޔިތުން ހާލުގައި ތިއްބާ އަމިއްލަފުޅު ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގަތުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑު ވިދާޅުވެއްޖެ އެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.
މި ދަތުރުފުޅާއި ގުޅޭގޮތުން ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ ރައީސް ޗުއްޓީ ދަތުރުފުޅެއް ކުރައްވާތީ ކަންބޮޑުވެގެން ނޫޅުއްވާ ކަމަށާއި ނަމަވެސް ރައްޔިތުން މިހާ ހާލުގައި ތިއްބާ ޗުއްޓީ ދަތުރުފުޅެއް ކުރައްވާއިރު، އެމަނިކުފާނާއި ހަވާލުކުރެއްވި ޒިންމާ ކޮބައިތޯ ސުވާލުކުރައްވާފަ އެވެ.
މިދިޔަ އެއް އަހަރުތެރޭ ރައީސް މުއިއްޒު 21 ދަތުރުފުޅު ކުރައްވާފައިވާ ކަމަށާއި ރާއްޖޭގައި ހުންނަވައިގެން ރައީސް މުއިއްޒު ކުރައްވަނީ ކޮން ކަމެއްތޯ ވެސް ޔާމީން ސުވާލު ކުރެއްވި އެވެ. މިއީ ކަނޑައެޅިގެން ބޮޑު ކޮރަޕްޝަނެއް ކަމަށާއި އާލާސްކަންފުޅެއް މެދުވެރިވެގެން ޗުއްޓީ ދަތުރުފުޅެއް ކުރެއްވި ނަމަވެސް ރައީސް މުއިއްޒު މިފަހަރު ވަޑައިގެންނެވީ އުފާވެރިކަމުގެ މެހެފިލެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިއީ ހަމަ ކަނޑައެޅިގެން ގޯސް. މަސްއޫލިއްޔަތުން ރެކިފައި، އެ ހުންނަވަނީ ވަޑައިގެން ބޭރުގައި،" ޔާމީން ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި، ރައީސް ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ޚަރަދާއި، ޢާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ޚަރަދެއްވެސް ކުރައްވާނީ އެމަނިކުފާނު އަމިއްލަފުޅަށް ކަމަށެވެ.
މިއީ ނުރަސްމީ ދަތުރުފުޅެއް ކަމުން މި ދަތުރުފުޅާއި ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.