އިސްލާމްދީނުގެ ދިފާއުގައި މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
"އަލްޚުލަފާއުއްރާޝިދޫންގެ ހަޔާތްޕުޅުން ދަރުސްތަކެއް"، މި މައުޟޫއުގެ މައްޗަށް އިއްވި ހުތުބާގައި ބުނީ މާތް ނަބިއްޔާ މަދީނާއަށް ހިޖުރަކުރެއްވުމަށް މައްކާއިން ނުކުމެވަޑައިގަތް ރޭގައި، މައްކާގެ މުޝްރިކުން އެކަލޭގެފާނުގެ ގެކޮޅުން ނުކުމެވަޑައިގަތުމާ އެކު، އެކަލޭގެފާނު އަވަހާރަކޮށްލާން ތައްޔާރަށް ތިބި ކަމަށާއި އެ ޚުޠޫރަތްތެރި ވަގުތުގައި މުޝްރިކުންނަށް އޮޅުވައިލެއްވުމަށް ނަބިއްޔާގެ ދާންމަތިކޮޅުގައި އޮންނެވީ ޢަލީގެފާނު ކަމަށެވެ.
އިސްލާމްދީނާއި، ރަސޫލުގެ ދިފާޢުގައި އެކަލޭގެފާނުގެ ޖާނު ޤުރުބާން ކޮށްލައްވާން ވެސް ތައްޔާރަށް ހުންނެވިކަން މި ހިތްވަރުގަދަ ޢަމަލުފުޅުން އެނގޭ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
"އެހެންކަމުން އަހަރެމެންނަކީ ވެސް ދީނުގެ ދިފާޢުގައި މަސައްކަތްކުރާ ބަޔަކަށް ވާންޖެހެއެވެ. ޒަމާނާއެކު އަންނަ ގޮންޖެހުންތަކާ، ކެރިގެން ކުރިމަތިލާ ބަޔަކަށް ވާންޖެހެއެވެ. ކަޅު ފޮއި ރެއެއްގެ އަނދިރިކަން ފަދަ ފިތުނަވެރި ދުނިޔެއެއްގައި އަހަރެމެން ދިރިއުޅެމުންދާ އިރު، ޙައްޤު މަގުގައި ކެރިގެން ފައިތިލަ ސާބިތު ކުރާންޖެހެއެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
ޙުތުބާގައި ބުނީ، މާތްﷲ ކޮންމެ ނަބިއްޔަކަށްމެ އެ ބޭކަލަކަށް ތަބާވާނޭ ޞަޙާބީން ލެއްވި ކަމަށާއި އެހެންނަމަވެސް، މި އުންމަތަށް ކައުކުރެއްވި ނަބިއްޔާ މުހައްމަދުގެފާނުގެ އަޞްޙާބުންވެފައިވަނީ އުންމަތް ދެކެފައިވާ ރަންމުތްތަކެއް ކަމަށެވެ. އޭގެ ތެރެއިން ވެސް 10 ބޭކަލަކު ޚާއްޞަކުރައްވައި އެ ބޭކަލުންނަށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވާފައިވާ ކަމަށް ޚުތުބާގައި ވަނީ ބުނެފަ އެވެ.
އަލްޚުލަފާއުއްރާޝިދޫންއަކީ، މާތް ނަބިއްޔާގެ ޚަލީފާކަން ކުރެއްވި ހަތަރު އަޞްޙާބުބޭކަލުންކަމުގައިވާ އަބޫބަކުރުގެފާނާއި، އުމަރުގެފާނާއި، އުސްމާނުގެފާނާއި، އަލީގެފާނެވެ. މި ބޭކަލުންނަކީ ނަބިއްޔާ މުހައްމަދުގެފާނު، އެ ބޭކަލުންނަށް ތަބާވުމަށް އިރުޝާދުދެއްވައިފައިވާ ހަތަރު ބޭކަލުންނެވެ.