Last Updated: December 26, 22:36
Thursday, December 26, 2024
ޚަބަރު

ފަލަސްތީނުގެ މިނިވަންކަމަށް ވުރެ މުހިއްމު އެއްވެސް ކަމެއް ނެތް

ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ކުރެވޭ މަސައްކަތަށް ވުރެ މުހިންމު އެއްވެސް ކަމެއް ނެތްކަން ރާއްޖެއިން ގަބޫލުކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ދެއްވި ޚާއްޞަ މެސެޖުގައި ރައީސް ވިދާޅުވީ ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ދޭ އެއްބާރުލުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުން ހިއްސާކުރާ ކަމެއް ކަމަށެވެ. އަދި މިއަދާ ހަމައަށް ވެސް ފަލަސްޠީނުގެ އެކި ޖީލުތަކުގެ ރައްޔިތުން ކުރިމަތިލަމުން ގެންދާ އަނިޔާވެރިކަމާއި، ފަސާދައާއި، ގެދޮރު ގެއްލުމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.

ފަލަސްޠީނުގެ އަޚުންނާއި އުޚުތުން ބަރުދާސްކުރަމުންގެންދާ ބޭއިންސާފާއި އަނިޔާވެރިކަމާއި، ދިރިއުޅެމުން ގެންދާ ހިތްދަތިކަމުގެ ހަނދާންތައް އާކޮށްދޭ ކޮންމެ ދުވަހަކީ، ފަލަސްޠީނުގެ ރައްޔިތުންނާއެކު ދެމިތިބުމުގެ ޢަޒުމް ވަރުގަދަވެ، އަދި އެ ޢަޒުމު އައުކޮށްދޭ ދުވަހެއް ކަމަށާއި، އެ ރައްޔިތުންނާމެދު ބޭއިންސާފުން ހިންގާ ކަންކަމަކީ ތާރީޚުގައި ޖެހިފައިވާ ލައްގަނޑެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ މެސެޖުގައި އިޒްރޭލަށް ހަތިޔާރު ވިއްކުން މި ހިނދުން މި ހިނދަށް ހުއްޓާލުމަށާއި، ހަނގުރާމައިގެ ޖަރީމާތަކުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްބައިވެ، އެޤައުމެއްގެ ސިޔާސީ ވިސްނުމާއި އިޤްތިޞާދީ ބާރުގެ ބޭނުންހިފުމަށް ވަނީ ގޮވާލައްވާފަ އެވެ. ފަލަސްޠީނުގެ ރެފިއުޖީންގެ ޙައްޤުގައި އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އަދާކުރަމުންގެންދާ މުހިންމު ދައުރަށް 75 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވައި، އެ އެޖެންސީން ކުރަމުންގެންދާ ހައްސާސް މަސައްކަތްތަކަށް ހުރިހާ ޤައުމުތަކުންވެސް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެ އެވެ.

މީގެއިތުރުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނާއި، އިންސާނީ އެހީގެ ޤާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވެ، އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޤަތުލުއާންމުގެ ޖަރީމާތަކާއި، އިޒްރޭލުގެ ޢަމަލުތައް ކުށްވެރިކުރައްވައި، އެ ލާއިންސާނީ ޢަމަލުތަކަކީ ހަމައެކަނި ފަލަސްޠީނުގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ނޫންކަމަށާއި، އެއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ޤައުމުތަކުގެ ގުޅިފައިވާ ނިޒާމަށް ދެވޭ ހަމަލާއެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އަދި ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ކުރެވޭ މަސައްކަތަށްވުރެ މުހިންމު އެއްވެސް ކަމެއް ނޯންނާނެކަން ރާއްޖެއިން ގަބޫލުކުރާ ކަމަށާއި ފަލަސްޠީނު ރައްޔިތުން ކުރަމުންގެންދާ ޖިހާދަކީ ދިވެހިންގެ އަމިއްލަކަމެއްގެ ގޮތުގައި ދިވެހީން ގަބޫލުކޮށް ބަލައިގަންނަކަމީ ދެބަސްވެވެންނެތް ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ޢަދުލުއިންޞާފާއި، މިނިވަންކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ދުނިޔޭގެ ކުރިމަތީގައި ސާބިތުކަމާއެކު އަޑުއުފުލުމުގައި ފަހަތަށްނުޖެހި، ދިވެހީން ދެމިތިބޭނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވި އެވެ.