Last Updated: December 27, 05:44
Friday, December 27, 2024
ޚަބަރު

ވިސާ ނެތް އިތުރު ބިދޭސީންތަކެއް އަތުލައިގެންފި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ތެރެއިން ވިސާ ނެތި މާލޭގައި އުޅުނު ބިދޭސީންތަކެއް މޯލްޑިވްސް އިމިގުރޭޝަނުން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ މަސައްކަތް އަދިވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. އެގޮތުން، އިއްޔެ ވެސް މާލޭގައި ހިންގަމުންދާ 9 ކެފޭއެއް ބަލައި ފާސްކޮށް، ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް މި ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް މާލެ އާއި ހުޅުމާލެ އިން އަދަދެއްގެ ބަޔަކު އަތުލައިގެންފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި މިދިޔަ އެއް އަހަރުތެރޭ 5،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.