ޒަމާނީ ސިނަމާއެއް އަޅަން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު އަސްވާޑު) ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި އޭނަ ވިދާޅުވީ ރާއްޖޭގައި ފިލްމު އިންޑަސްޓްރީ އަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފިލްމު އަޅުވާނެ އެންމެ ތަނެއް ހުރުން ކަމަށެވެ.
ރާއްޖޭގައި އުފައްދާ ފިލްމުތައް އަޅުވާ ރަސްމީ ސިނަމާ އަކީ މާލޭގައި ހުރީ ޒަމާންވީ އޮލިމްޕަސް އެކަންޏެވެ. ރާއްޖޭގެ ފިލްމީ އިންޑަސްޓްރީ މިހާރު ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ އިރު އަދި އަހަރެއްގެ ތެރޭގައި އުފައްދާ ފިލްމުތައް ވެސް އިތުރުވަމުން އަންނަ އިރު، ފިލްމުތައް އަޅުވާނެ އެންމެ ސިނަމާއެއް ހުރުމަކީ ވަރަށް ބޮޑު ޝަކުވާއެކެވެ.
އެހެންވެ ބޭނުންވާ ތާރީހުތަކަށް އޮލިމްޕަސް ނުލިބުމާއި ބޭނުންވާ މުއްދަތަކަށް ތަން ނުލިބުން ފަދަ ޝަކުވާތައް ޕްރޮޑިއުސަރުންގެ މެދުގައި ބޮޑެވެ. އަނެއްކޮޅުން އޮލިމްޕަހަކީ ފިލްމުތައް އެޅުވުމުގެ އިތުރަށް ތަފާތު އެހެން ގިނަ އިވެންޓްތަކެއް ވެސް ބާއްވަމުން އަންނަ ތަނެކެވެ.
އަސްވާޑު ވިދާޅުވީ މިހާރު ފިލްމު އުފައްދާ ގިނަ ޕްރޮޑިއުސަރުންތަކެއް މިހާރު ތިބި އިރު އޮލިމްޕަސް ހޯދަން ކިއުގައި ތިބެން ޖެހޭ ކަމަށެވެ. އެހެންވެ އެ މައްސަލަ އަށް ހައްލެއް ހޯދައި ދޭން މި ސަރުކާރުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޒަމާނީ ސިނަމާއެއް ތަރައްގީކޮށް މި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ނިންމައި ދެެއްވާނެ ކަމަށެވެ.
ރާއްޖޭގެ އެއްވެސް ރަށެއްގައި ރަސްމީ ސިފައެއްގައި ސިނަމާއެއް ހިންގަމުން ނުދާ އިރު، އާންމުކޮށް ރަށްރަށުގައި ފިލްމުތައް އަޅުވަނީ ސްކޫލްތަކުގެ ހޯލު ފަދަ ތަންތަން ކުއްޔަށް ހޯދައިގެންނެވެ.
މާލެ އާއި ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ޝްވެކް ސިނަމާގެ ނަމުގައި ސިނަމާތަކެއް ހިންގަ އެވެ. ނަމަވެސް އެތަންތަނުގައި އާންމުކޮށް އަޅުވަނީ ބޭރުގެ ފިލްމުތަކެވެ. މާލޭގައި ކުރިން ސްޓާ ސިނަމާގެ ނަމުގައި ވެސް އަމިއްލަ ފަރާތަކުން ސިނަމާއެއް ހިންގާފައިވެ އެވެ.
އައްޑޫ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު ގަމުގައި ފެންވަރު ރަނގަޅު ސިނަމާއެއް "އަސްޓްރާ" ގެ ނަމުގައި ހަދައި ހިންގި އެވެެ. ނަމަވެސް އެތަން ފަހުން ރަސްމީކޮށް ބޭނުން ކުރަމުން ނުދާ އިރު، ތަން މިހާރު ހުރީ ވަރަށް ބޮޑަށް ވީރާނާ ވެސް ވެފަ އެވެ.