Last Updated: November 25, 09:28
Monday, November 25, 2024

މައުމޫން ބޭނުންފުޅު ނުވިޔަސް ނައިބު ރައީސް ކަމަށް ހަމަ އަދީބު!

ދިވެހިރާއްޖޭގެ ނައިބު ރައީސް ކަމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހްމަދް މަޤާމުން ދުރުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު ނައިބު ރައީސް ކަމުގެ މަޤާމަށް ޓޫރިޒަމް މިނިސްޓަރ އަހްމަދް އަދީބު ގެންނާނެ ކަން ގާތްގަނޑަކަށް މިވަނީ ކަށަވަރުވެފައެވެ.

އަދީބު ނައިބު ރައީސްކަމަށް ގެންނަން ތާއީދުކުރާކަން ހާމަކޮށް ގިނައަދަދެއްގެ ޒުވާނުން ސޯޝަލް މީޑިޔާގައި އެމީހުންގެ ޝުޢޫރުތައް ފާޅުކުރަމުން ގެންދާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިނިސްޓަރ އަދީބަށް ތާޢީދުކުރާކަން ހާމަކުރުމުގެ ގޮތުން ސައިކަލް ބުރުތަކާއި ތަފާތު އެއްވުންތައް ވެސް ޒުވާނުން ގެންދަނީ ބާއްވަމުންނެވެ.

'އައި ސަޕޯޓް އަދީބް ފޯ ވީޕީ" މި ޝިއާރުގެ ދަށުން ސޯޝަލް މީޑިއާގައި މިހާރު ކުރިއަށް ގެންދާ ކެމްޕެއިން ފެށީ މާލޭގައި އުޅޭ ޒުވާނުންތަކެކެވެ. ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ކެމްޕެއިން މުޅި ރާއްޖެއަށް ފުޅާވެ، ޒުވާން އެކި އެކި ފަރާތްތަކުން އިސްކޮށް ތިބެ އެކި ކަންކޮޅުތަކުގައި މި ކެމްޕެއިން ކުރިއަށް ގެންދަން ފެށުމުން ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ނައިބު ރައީސް ކަމުގެ މަޤާމަށް އައުމަށް އެޕާޓީގެ އާންމު މެންބަރުން އެންމެ ބޭނުންވާ ބޭފުޅަކީ އަދީބު ކަން މިވަނީ ހާމަވެގެން ގޮސްފައެވެ.

އަދީބް ޒުވާނުންނާއި އެކު ސައިކަލް ބުރެއްގައި ބައިވެރިވަނީ. އަދީބު ނައިބު ރައީސަށް ގެނައުމަށް ޒުވާނުން ވަނީ ބޮޑު ކެމްޕެއިނެއް ފަށާފައި
އަދީބް ޒުވާނުންނާއި އެކު ސައިކަލް ބުރެއްގައި ބައިވެރިވަނީ. އަދީބު ނައިބު ރައީސަށް ގެނައުމަށް ޒުވާނުން ވަނީ ބޮޑު ކެމްޕެއިނެއް ފަށާފައި

ނައިބު ރައީސް ކަމަށް އަދީބު ގެންނަވާނެ ކަމުގެ އިޝާރާތެއް ރައީސް ޔާމީން މިހާތަނަށް ދެއްވާފައި ނުވި ނަމަވެސް އެމަނިކުފާނުގެ އިތުބާރު އަދީބު ހޯއްދަވާފައިވާ ވަރާއި ގާތަށް ވެސް އެހެން އެއްވެސް މިނިސްޓަރަކަށް ލިބިވަޑައިގެންފައި ނުވުމަކީ ޕީޕީއެމްގެ ތެރޭގައި ބައެއް ބޭފުޅުން ހިތްހަމަޖެހިވަޑައިނުގެންނެވި ނަމަވެސް އަދީބު އެ މަޤާމަށް ގެނައުމަށް ރައީސް ޔާމީން ބޭނުންފުޅުވާ ސަބަބުކަން ޔަޤީނެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި ރައީސް މައުމޫނުގެ އެދިލެއްވުމުގެ ރަނިން މޭޓަކަށް އައްޔަން ކުރެވުނު، މިހާރުގެ ނައިބު ރައީސް ޑރ.ޖަމީލު އާއި ރައީސް ޔާމީން އާއި ދެމެދު އުފެދުނު 'ޓްރަސްޓް އިޝޫ'ތަކަށް ބަލާއިރު ނައިބު ރައީސް ކަމަށް ޔާމީން ގެންނަވާނީ ވެސް އެމަނިކުފާނަށް އެންމެ އިތުބާރު ކުރެވޭ ބޭފުޅާކަން ޔަޤީނެވެ.

ދިގު 30 އަހަރު ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވުމުގެ ސަބަބުން ވެރިކަމަށް ޚާއްސަ އިޙްސާސްތަކެއް ހިތްޕުޅުގައި އުފެދިފައިވާ ކުރީގެ ރައީސް މައުމޫންގެ ނަޒަރުގައި ނައިބު ރައީސް ކަމަށް ގެންނަވަން ޖެހެނީ އަދީބު ނޫން އެހެން ފަރާތެކެވެ. ފަރުދާގެ ނިވަލުގައި ހުންނަވައިގެން ރައީސް މައުމޫންގެ ފަރާތުން ރައީސް ޔާމީނަށް އަދީބު ނޫން އެހެން މީހަކު އައްޔަންކުރުމަށް އެދިވަޑައިގެންފައިވަނީ ކީއްވެގެންތޯ މިވަނީ ސުވާލު އުފެދިފައެވެ.

މުއްސަނދިކަމާއި އުފަލާއި އަރާމުގައި ތުއްތު އުމުރުން ފެށިގެން ވަރަށް ފަހަކާއި ޖެހެންދެން ގަނޑުވަރުތެރޭގެ ދިރިއުޅުން ތަޖުރިބާކުރެއްވި އެމަނިކުފާނު ދަރިކަލަކަށް ނުވަތަ ދަރިކަނބަލަކަށް ނައިބު ރައީސްކަން ދެއްވުމަށް ބޭނުންފުޅުވަނީ ބާވައެވެ ؟

މައުމޫންގެ އިތުރުން އެމަނިކުފާނަށް ވަފާތެރި ޕީޕީއެމްގެ ބައެއް މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި "އަދީބު ނައިބު ރައީސް ކަމަށް ގެނެސްފިނަމަ، ޕީޕީއެމްގެ ނަން ހުތުރު ވެދާނެ" އެވެ. ނަމަވެސް ގިނަ ބައެއްގެ ނުރުހުން ޕީޕީއެމްއަށް އަމާޒުވެފައިވަނީ އެޕާޓީގައި ދިގު 30 އަހަރެއްގެ ވެރިކަމުގެ ލައްގަނޑު ޖެހިފައިވުމުން ކަން ފާހަގަކޮށްލެވެއެވެ.

މައުމޫންގެ ނުރުހުން އަދީބަށް އަމާޒުވެފައިވާއިރު ، އަދީބުގެ ބަދަލުގައި ރައީސް މައުމޫންގެ ދަރިކަލަކު ނައިބު ރައީސް ކަމަށް ގެނެސްފިނަމަ ރައްޔިތުން ދެކޭނީ ޕީޕީއެމްގެ ސަރުކާރަކީ، "ޢާއިލީ ވެރިކަމެއް" ކުރާ ސަރުކާރެއްގެ ގޮތުގައެވެ.

ކުރީގެ ރައީސް މައުމޫން އާޢި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން
ކުރީގެ ރައީސް މައުމޫން އާޢި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން

ދެން އޮތީ ރައީސް މައުމޫންގެ ދަރިކަލަކު ނައިބު ރައީސް ކަމަށް ގެންނަން ޖެހޭ ފަދަ ޚިދުމަތްތަކެއް ކުރައްވާފައިވޭތޯ ކުރެވޭ
ސުވާލެވެ.

ރައީސް މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫން ގިނަ ދިވެހިން ދަންނަނީ އިމާރާތެއްގެ މަތިން ލަކުޑި ފިލާގަނޑެއް ވައްޓާލައި މީހަކަށް އަނިޔާކުރި ކަމުގެ ތުހުމަތުކުރެވޭ ބޭފުޅެއްގެ ގޮތުގައެވެ. ޔޫތް މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި 2013 ވަނަ އަހަރުން ފެށިގެން ދާދިފަހަކާއި ޖެހެންދެން ހުންނެވި އިރު އެއީ ޣައްސާން ކިޔާ ބޭފުޅަކު މިޤައުމުގައި ހުރިކަން ދިވެހި ރައްޔިތުންނަށް އެނގުނީ ދާދިފަހުން އެބޭފުޅާ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ ކަމުގެ މަޤާމަށް އައްޔަން ކުރުމާއި ގުޅިގެންނެވެ.

ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ އެއްގެ ގޮތުގައި ހުންނަވައި އެބޭފުޅާގެ ވަޒީފާގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކުޅިވަރާއި ޒުވާނުންގެ މެނިފެސްޓޯގެ ކަންކަން ވިލަރެސްކުރުމާއި ސިއްހީ ‏‏ދާއިރާ ތަރައްގީ ކުރުމަށް މިހާތަނަށް އެއްވެސް ކަމެއް ކުރެވިފައެއް ނުވެއެވެ.

ދެން ހުންނެވީ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫންއެވެ. ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ވަކިވެދާނެ ކަމުގެ އިންޒާރު ދެއްވުމަށް ފަހު ޖެހިގެން އަންނަ ދުވަހު ރާއްޖޭގެ މިނިވަން ދެމެހެއްޓޭނީ ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުންތައް އިތުރަށް ވަރުގަދަކޮށްގެން ކަމަށް ވިދާޅުވާ ބޭފުޅަކު ނައިބު ރައީސް ކަމަށް ގެނެސްފިނަމަ ދެން ކަންތައް ވެގެންދާނީ ކިހިނެއް ކަމެއް ނޭނގެއެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާއަށް ހޮވިވަޑައިގެންނެވި ފާރީސް މައުމޫން އަކީ 2018 ވަނަ އަހަރުގެ އިންތިޚާބަށް ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސުމަށް ރައީސް މައުމޫން އެންމެ އެދިވަޑައިގަންނަވާ ބޭފުޅާކަމަށް ވެއެވެ. އެހެން ކަމުން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމުގެ ފުރުސަތެއް ފާރިސް އަށް ލިބެން އޮތީ ނައިބު ރައީސް ކަމަށް ވަޑައިގެން ކަމަށް ރައީސް މައުމޫން ޤަބޫލުފުޅު ކުރައްވަފާނެއެވެ.

ދިއްގަރު ދާއިރާގެ ގޮނޑިއަށް އިންތިޚާބު ވުމާއި ހަމައަށް ވެސް އަދި އޭގެ ފަހުންވެސް ފާރިސް މައުމޫން އަކީ ދިވެހިރައްޔިތުންގެ މެދުގައި އެހާ މަޤުބޫލު ބޭފުޅެއް ނޫނެވެ.

ރައީސް މައުމޫން ވެސް މިއަދު ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ގިނަ މެންބަރުންނާއި އެޕާޓީގެ ގިނަ މެންބަރުންގެ ނަޒަރުގައި އެމީހުންގެ 'ބޮޑުވަޒީރު' ގެ ގޮތުގައި ބަލައިގެންފައިވަނީ ސަބަބުތަކެއް ނެތި ނޫންކަމެވެ.

2012 ވަނަ އަހަރު ކުރީގެ ރައީސް މުޙައްމަދު ވަޙީދުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރ އެއްގެ ގޮތުގައި ސިޔާސީ މައިދާނުގައި ގިނަ ދިވެހިންނަށް ތަޢާރަފް ވެގެން ދިޔަ އަހްމަދް އަދީބް ހަރުފަތަކަށް ފަހު ހަރުފަތަކަށް އަރާވަޑައިގަންނަވަމުން ގޮސް މިއަދު ސިޔާސީ ގޮތުން ވަރުގަދަ ލީޑަރަކަށް ވެވަޑައިގަތީ ޙިކްމަތްތެރިކަމާއި އެކު ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުންނެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ގިނަ ޒުވާނުންގެ ތާޢީދު ކުރާ ބޭފުޅަކަށް އަދީބު ވެވަޑައިގެންނެވި ގޮތަކީ އެމަނިކުފާނުގެ ޒުވާނުންނަށް ޓަކައި ކުރައްވާފައިވާ ޚިދުމަތްތައް ބަލައިގެންފައިވާ ކަމުގެ ހެއްކެކެވެ.

"ޓީމް އަދީބް" ގެ ނަމުގައި ޒުވާނުންތަކެއް ގޮސް ޕީޕީއެމް އަށް ކެމްޕެއިން ނުކުރާ ބައި އިލެކްޝަނެއް މިހާތަނަށް ބާއްވާފައި ނުވުމާއި ސީދާ ޒުވާނުންނާއި ގުޅުން ހުރި ކަންތައް ތަކުގައި ޔޫތް މިނިސްޓަރަށް ވުރެ ވެސް މާ ކުރީގައި އުޅުއްވައި ، ރައީސް ޔާމީނާއި އަދި ސަރުކާރަށް ނިސްބަތްކޮށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ހިތްވަރާޢި އެކު އަދީބު ކުރިމަތިލައްވަމުން ގެންދަވާ ގެންދެވުމަކީ މައުމޫންގެ ރުހިވަޑައިގަތުމެއް ނެތަސް ނައިބު ރައީސް ކަމަށް އަދީބު ގެންނަން ޖެހޭ ކަމުގެ ހެއްކެކެވެ.
DSC_1848
ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް ކަމަށް ބުނެ ފުލުފުލުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާތައް ކުރަމުން ގެންދިޔައިރު ރައީސް މައުމޫން ހަނު ހުންނެވި އިރު އެދުވަހު ވެސް ރައީސް ޔާމީނާއި ސަރުކާރުގެ ދިފާޢުގައި ތެދުވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރ އަޙްމަދް އަދީބެވެ.

އެހެން ކަމުން ނައިބު ރައީސް ކަމަށް އަދީބު ގެންނަށް ރައީސް މައުމޫން ކިތަންމެ ބޭނުންފުޅު ނުވި ކަމުގައި ވިޔަސް ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ފެށި ސިޔާސީ ޙަރަކާތް ނިމުމަކަށް ގެނައުމުގެ މޭސްތިރިޔަކަށް ވެވަޑައިގެންނެވި އަދީބު ބާކީ ކުރެއްވުމަށް ފަހުން ނައިބު ރައީސް ކަމަށް ރައީސް ޔާމީންގެ އެހެން ބޭފުޅަކު ގެންނަވާނެ ކަމަކަށް ނުބެލެވެއެވެ.