އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހަމް ޔުނައިޓެޑް 5-2 އިން ބަލިކޮށް އާސެނަލުން ލީގުގެ ދެވަނަ އަށް އަރައިފި އެވެ.
މި މޮޅާއެކު ލީގުގެ ދެވަނައިގައި އާސެނަލް އޮތީ 13 މެޗުން ލިބުނު 25 ޕޮއިންޓާ އެކު އެވެ. އެއްވަނައިގައި 12 މެޗުން 31 ޕޮއިންޓު ހޯދައިގެން އޮތީ ލިވަޕޫލް އެވެ. ލިވަޕޫލުން މިރޭ އަމިއްލަ ދަނޑުގައި ނިކުންނާނީ ލީގުގެ ހަތަރުވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.
ވެސްޓްހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ 10 ވަނަ މިނެޓްގައި އާސެނަލްގެ ޑިފެންޑަރު ގެބްރިއަލް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 27 ވަނަ މިނެޓްގައި ލިއަންޑްރޯ ޓްރޮސާޑް އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، އާސެނަލަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 34 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާޓިން އޮޑެގާޑް އެވެ.
އޭގެ ދެ މިނެޓް ފަހުން ކައި ހަވެޓްޒް އާސެނަލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، އޭގެ ދެ މިނެޓް ފަހުން އާރޮން ވެން ބިސާކާ ވަނީ ވެސްޓްހަމަށް ގޯލެއް ކާމިޔާބުކޮށްދީފަ އެވެ. މެޗުގެ 40 ވަނަ މިނެޓްގައި ވެސްޓްހަމަށް ލިބުނު ހިލޭޖެހުމަކުން އެމަސަން ޕަލްމޭރީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ބުކާޔޯ ސަކާ ވަނީ އާސެނަލްގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ވެސް އާސެނަލުން ވަނީ ވެސްޓްހަމްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ.
ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ އެވެ.