Last Updated: April 11, 11:14
Friday, April 11, 2025
ޚަބަރު

ރާއްޖޭގައި އެއިޑްސް ބަލީގެ 32 މީހަކު އެބަތިބި

ރާއްޖޭގައި މިވަގުތު އެއިޑްސް ބަލީގެ 32 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ހިއުމަން އިމިއުނޯޑެފިޝިއެންސީ ވައިރަސް (އެޗްއައިވީ)ގެ ޒަރީއާއިން ޖެހޭ އެއިޑްސް ބަލި ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ އެއިޑްސް ދުވަހާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 49 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 7 އަންހެނުންނާއި 43 ފިރިހެނުން ކަމަށެވެ. މީގެތެރެއިން 16 މީހުން މިހާރު ދުނިޔެ ދޫކޮށްފައިވާއިރު މި ވަގުތު 32 މީހުން ބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އެޗްއައިވީ އަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީޓްމަންޓް ކަމަށްވާއިރު، މި ފަރުވާ 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް އަންނަނީ ދެމުންނެވެ. މިއީ މުޅިން ހިލޭ ފޯރުކޮށްދެވޭ ފަރުވާއެކެވެ. އަދި އެޗްއައިވީ އިން ރައްކާތެރިވުމުގެ ގޮތުން ދެވޭ ފަރުވާ "ޕްރެޕް" ވެސް ރާއްޖޭގައި ލިބެން ހުރެ އެވެ.

ބަލި ފެތުރޭ ގޮތްތައް:

– ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުން.
– ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރާއިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި އަނެކާ ބޭނުންކުރުން.
– އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން ދަރިފުޅަށް ބަލިޖެހުން.
– އެޗްއައިވީ ޖެހިފައިވާ މީހެއްގެ ލެޔަށް ހުށަހެޅުން.

އެޗްއައިވީ އިން ރައްކާތެރި ވެވޭނެ ގޮތްތައް:

– އެޗްއައިވީ ޖެހިފައިނުވާ ވަފާތެރި އެއް ބައިވެރިއަކާއެކު ޖިންސީ ގުޅުން ހިންގުން
– ޖިންސީ ގުޅުން ހިންގާއިރު ކޮންޑަމް ނުވަތަ ހުރަސް ބޭނުންކުރުން.
– އެކަކު ބޭނުންކޮށްފަ ހުންނަ ސިރިންޖު ނުވަތަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުން ނުކުރުން.
– ސިއްހީ ޚިދުމަތްތެރިންގެ ލަފާގެ މަތިން އިން ރައްކާތެރިވުމަށް ޓަކައި ދެވޭ ފަރުވާ ކަނޑައެޅިފައިވާ ގޮތުގެ މަތިން ފުރިހަމަކުރުން.
– މާބަނޑު ދުވަސްވަރު ދުރާލާ އެޗްއައިވީއަށް ޓެސްޓުކޮށް ޕޮޒިޓިވްވެއްޖެނަމަ ކަނޑައެޅިފައިވާ ފަރުވާ ފުރިހަމަކުރުމުން ދަރިފުޅަށް އެޗްއައިވީ ވާސިލްވުމުން ރައްކާތެރި ކުރެވޭނެ.

މި އަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރަކީ "އެޗްއައިވީ އާއެކު ދިރިއުޅުން" މި ޝިއާރެވެ.