ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް އެ ކަމުގައި އެހިތެރިވެދިނުމާ ގުޅޭ ކްލަނިކްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި މި މައްސަލައާ ގުޅިގެން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ޤާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.
މީގެއިތުރުން، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ޕްރިވެންޓިވް ހެލްތު ކެއާގެ ޚިދުމަތެއްގެ ގޮތުގައި ސިޒޭޝަންގެ ޚިދުމަތް ދިނުމަށް ވެސް ވަނީ ނިންމަވާފަ އެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ މާސްޓާ ޕްލޭންގެ ދަށުން، ރައީސް ވަނީ މުހިންމު ގިނަ އިސްލާހުތަކެއް ތަޢާރަފުކުރައްވާފަ އެވެ. މި އިސްލާހުތަކުގެ ތެރޭގައި ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނާއި، އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ގެނެވުނު އިސްލާހުތައް ހިމެނޭއިރު، މީގެ ސަބަބުން ދުންފަތުގެ ބާވަތްތަކާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމަށާއި، ވޭޕް ކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.