އެތައް ޒަމާންތަކެއްވެފައިވާ ޤާނޫނުލް އުޤޫބާތުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުން 2014 ވަނަ އަހަރު އޭޕްރީލް މަހު ފާސްކުރި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތު (ޤާނޫނު ނަމްބަރ 9/2014) ޢަމަލުކުރުން ފަސްކުރުމަށް 2 ފަހަރަކަށް ފާސްކުރި އިސްލާޙުތަކަށްފަހު މިރޭ ބާރަ ޖަހާއިރު އެ ޤާނޫނަށް ޢަމަލުކުރަން ފަށަންޖެހޭއިރު އާ ޤާނޫނުލް އުޤޫބާތަށް ޢަމަލުކުރަން ފަށާނެތޯ މިއީ ގިނަބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ.
13 އޭޕްރީލް 2015 ގައި ޢަމަލުކުރަން ފަށަންޖެހޭގޮތަށް 2014 ވަނަ އަހރު ފާސްކުރި ޤާނޫނަށް ޢަމަލުކުރުން ފަސްކުރުމަށް ގެނައި ފުރަމަ އިސްލާޙުން ދިވެހިރާއްޖޭގެ އާ ޤާނޫނުލް އުޤޫބާތަށް ޢަމަލު ކުރުން ފަސްނުކުރެވޭނެ ކަމަށް ރާއްޖޭގެ ފުންނާބު އުސް ޤާނޫނީ ވަކީލުން ވިދާޅުވަމުން ގެންދަވަނިކޮށް ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް އާ ޤާނޫނުލް އުޤޫބާތަށް ޢަމަލުކުރުން ފަސްކުރުމުގެ ދެވަނަ އިސްލާޙެއް އިސްލާޙެއް ފާސްކޮށްފައެވެ. އެ އިސްލާޙުގައިވާގޮތުުން 16 ޖުލައި 2015 ގައި އާ ޤާނޫނުލް އުޤޫބާތަށް ޢަމަލުކުރަން ފަށަންޖެހެއެވެ.
10 ވަރަކަށް އަހަރުގެ މަސައްކަތުން ނިންމައި ޢަމަލުކުރަން ފަށާ އާ ޤާނޫނުލް އުޤޫބާތަކީ ގިނަ ދީނީ ޢިލްމުވެރިންތަކެއް ފާޑުކިޔުންތައް އަމާޒުވެފައިވާ ޤާނޫނެކެވެ. މިގޮތުން ޤާނޫނުލް އުޤޫބާތުގު މަޖިލީހުގައި ފާސްކުރުމަށް މަސައްކަތްކުރި ދުވަސްވަރު އެ ޤާނޫނުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙައްދުތައް ނެތްކަމަށާއި އެއީ އިސްލާމް ދީނާ ދެކޮޅު ޤާނޫނެއްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން އޭނާ މަޖިލީހުގެ ކޮމެޓީއަށް ޙާޟިރުކޮށް ސުވާލުވެސް ކޮށްފައިވާއިރު އެއީ އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ފުރިހަމައަށް ހުރި ޤާނޫނެއް ކަމަށް މަޖިލީހުގެ މެމްބަރުން އޭރުވަނީ ވިދާޅުވެފައެވެ.
ނަމަވެސް ޤާނޫނުލް އުޤޫބާތުގައި ޙައްދުތައް ނެތްކަމަށް ވިދާޅުވެ ޝެއިޚް އިލްޔާސް އެވާހަކަ ދެއްކެވި ފަހުން ޤާނޫނުލް އުޤޫބާތުގައި ޤުރުއާނުގައި ކަނޑައެޅިފައިވާ ޙައްދުތައް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބުކަނޑައެޅޭނެކަން ބަޔާންކޮށް އެ ޤާނޫނަށް 1205 ވަނަ މާއްދާ އިތުރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އާ ޤާނޫނުލް އުޤޫބާތު ފާސްކުރިފަހުން އެ ޤާނޫނުގައި އިސްލާމީ ޝަރީޢަތުގެ ބައެއް ޙައްދުތައް ނެތްކަމަށާއި އެއީ ދިނާ ފުށުއަރާ ޤާނޫނެއްކަމަށް ބުނެ ޖަމިއްޔަތުން ސަލަފުންވެސް ވަނީ ބަޔާނެއްވެސް ނެރެފައެވެ. ނަމަވެސް މިއީ ޝަރީޢަތާ ޚިލާފު ޤާނޫނެއް ނޫންކަމަށް މި ޤާނޫނު ޑްރާފްޓްކުރެއްވި ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އާ ޤާނޫނުލް އުޤޫބާތަށް މިރޭ 12 އިން ފެށިގެން ޢަމަލްކުރަން ޖެހޭއިރު ސުޕްރީމް ކޯޓުގެ ފަރާތުން ސޫދާނުގެ ޤާނުނުލް އުޤޫބާތު އަސްލަކަށް ބަލައިގެން މުޅިން އާ ޤާނޫނުލް އުޤޫބާތެއް ލިޔުމުގެ މަސައްކަތް ކޮށް އެ ބިލް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާކަމަށްވެސް ޚަބަރު ފެތުރިފައިވެއެވެ. ސޫދާނުގެ ޤާނޫނުލް އުޤޫބާތު އަސްލަކަށް ބަލައިގެން މުޅިން އާ ގާނޫނުލްއުގޫބާތެއް ސުޕްރީމް ކޯޓުން ޑްރާފްޓްކުރި ކަމުގެ އަޑު ފެތުރިފައި ވިޔަސް އެކަމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ވަކި އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.
އާ ޤާނޫނުލް އުޤޫބާތަށް އަހުލުވެރިކުރުމުގެ މަސައްކަތުގައި އުޅުއްވާ ބޭފުޅަކު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަރާތުން ތައްޔާރު ކުރި ޤާނޫނުލް އުޤޫބާތުގެ ޑްރާޓް ކަމަށް ބެލެވޭ ލިއުންތަކުގެ ފުރަތަމަ ސަފުހާގެ ކޮޕީއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު އޭގައި ބުނެފައިވާ ގޮތުން އެ ޑްރާފްޓް ފާސްވެއްޖެ ނަމަ މިހާރު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާފައިވާ ގާނޫނުލްއުގޫބާތު (ޤާނޫނު ނަމްބަރ 9/2014) އުވިގެންދާނެއެވެ.
ސުޕްރީމް ކޯޓުން ތައްޔާރުކުރާ ބިލް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލިހަށް ހުށަހަޅައި ފާސްކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވާހަކަ ދެކެވެމުންދިޔަ ނަމަވެސް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ ނިހާން ވިދާޅުވެފައިވާ ގޮތުގައި އެފަދަ މަސައްކަތެއް ކުރަމުންދާކަމުގެ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށާއި އަދި ޕީޖީ ގްރޫޕްގެ މެމްބަރުންގެ މެދުގައި މަޝްވަރާ ނުކޮށް އެއްވެސް ކަމެއް ނުނިންމޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ތައްޔާރުކުރި ކަމަށް ބުނާ އާ ޤާނޫނުލް އުޤޫބާތުގެ ބިލް މަޖިލީހަށް ހުށަހެޅިކަމަށް އަޑުފެތުރުނު ނަމަވެސް އެކަން މަޖިލީހުންވެސް ސާފުކުރެވޭގޮތް ވަނީ ނުވެފައެވެ. އަދި އާ ޤާނޫނުލް އުޤޫބާތަށް މިރޭ ޢަމަލުކުރަން ވަގުތު ކުޑަތަންވެފައިވާއިރު މިހަފްތާގައި މަޖިލީހުގެ ޖަލްސާތައް ނުބާއްވަންވެސް ވަނީ ނިންމާފައެވެ. އެހެންކަމުން މަޖިލީހުން ޤާނޫނުލް އުޤޫބާތު އިތުރަށް ފަސްކުރުމަށް އިސްލާޙެއް ފާސްކުރުމަކީ ވެދާނެކަމެއްކަމަށް ނުބެލެވެއެވެ. 'އައްޑޫ ލައިވް' އަށް އިތުބާރު ހުރިގޮތެއްގައި އެނގިފައިވާގޮތުގައި އާ ޤާނޫނުލް އުޤޫބާތަށް ޢަމަލަކުރުން އިތުރަށް ފަސްކުރުމަށް ޕީޕީއެމް ޕާލެމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ދެކޮޅު ހައްދަވައެވެ. އަދި ބަންޑާރަ ނައިބުވެސް އެކަމާ ދެކޮޅު ހައްދަވާފައިވާކަމަށް އެނގިފައިވެއެވެ.
އާ ޤާނޫނުލް އުޤޫބާތަށް ޢަމަލުކުރަށް ވަގުތު ކުޑަތަންވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވާފައިވާ އާ ޤާނޫނުލް އުޤޫބާތަށް ޢަމަލުކުރުން އިތުރަށް ފަސްނުކުރުމަށް އެދިވަޑައިގެން ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ރައީސް ޔާމީނަށް ސިޓީއެއް ފޮނުވާފައިވާކަމުގެ މަޢުލޫމާތުވެސް 'އައްޑޫލައިވް'އަށް ވަނީ ލިބިފައެވެ.
'އައްޑޫ ލައިވް' އާ ވާހަކަދެއްކި ޤާނޫނީ ވަކީލަކު ވިދާޅުވީ އާ ޤާނޫނުލް އުޤޫބާތުގެ ޓްރޭނިންގް އެއްވެސް ޕްރޮގްރާމެއްގައި ކްރިމިނަލް ކޯޓުންނާއި ސުޕްރީމް ކޯޓުން ބައިވެރިވެފައިނުވާކަމަށާއި އަދި ސޫދާނުގެ ޤާނޫނުލްއުޤޫބާތު އަސްލަކަށް ބަލައިގެން ޤާނޫނުލް އުޤޫބާތު ޑްރާފްޓްކުރުމުގައި ޙަރަކާތްތެރިވީ ކްރިމިނަލް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.
އަދި ގިނަ ދުވަސްތަކެއްވަންދެން އެބޭފުޅުން އެހާ ބުރަކޮށް މަސައްކަތްކުރައްވައިގެން އާ ޤާނޫނުލް އުޤޫބާތެއް ޑްރާފްޓްކުރައްވާނީ އަލަށް ޢަމަލުކުރަން ފަށާ ޤާނޫނުލްއުޤޫބާތު ކަމުނުދާތީކަމަށް ބެލެވޭކަމަށެވެ.
ޤާނޫނުލްއުޤޫބާތަށް ޢަމަލުކުރުން ފަސްކޮށްފާނެކަން ހާމަކުރައްވަމުން އޭނާ ވިދާޅުވީ "ދެން އެހާ ބުރަކޮށް މަސައްކަތްކުރައްވައިގެން އާ ޤާނުނުލް އުޤޫބާތެއް ލިޔުއްވާނީ ސަބަބުތަކެއް ހުރެގެން ނޫންތޯ. އެހެންވީމަ މަޖިލީހުން އާ ޤާނޫނުލް އުޤޫބާތަށް ޢަމަލުކުރުން ފަސްނުކުރިކަމުގައިވިޔަސް ސުޕްރީމް ކޯޓުގެ އަމުރަކުން އާ ޤާނޫނުލްއުޤޫބާތަށް ޢަމަލުކުރުން ފަސްކުރުން ނުވަތަ އެ ޤާނޫނުލްއުޤޫބާތު ބާޠިލްކުރުމަކީވެސް އެކަށީގެންވާކަމެއް."
ސުޕްރީމް ކޯޓުގެ އަމުރުތަކުން މީގެ ކުރިންވެސް ޤާނޫނުގެ މާއްދާތަކެއް ބަދަލުކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން އިސްތިޢުނާފް މުއްދަތު 10 ދުވަހަށް ކުރުކޮށް ކޯޓުތަކާބެހޭ ޤާނޫނާއި ވަޒީފާއާބެހޭ ޤާނޫނުގެ މާއްދާތަކެއްވެސް މިއަހަރުގެ ކުރީކޮޅު ސުޕްރީމް ކޯޓުންވަނީ ބާޠިލް ކޮށްފައެވެ.
މިހާރު އުފެދޭ ސުވާލަކީ 2014 ވަނައަހަރު މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވާފައިވާ އާ ޤާނޫނުލް އުޤޫބާތަށް މިރޭ 12 ޖަހާއިރު ޢަމަލުކުރަން ފަށަންޖެހޭއިރު ސުޕްރީމް ކޯޓުގެ އަމުރަކުން ޤާނޫނުލް އުޤޫބާތު ހުއްޓުވާފާނެބާވައެވެ! ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެކަން ވެސް އެނގިގެން ދާނެއެވެ.