ޢުޛުރެއްގެ ސަބަބުން ފާއިތުވެގެންދާ ފަރުޟު ރޯދަ ހިފުމަކީ ވާޖިބެކެވެ. ވާޖިބު ރޯދަ ހިފާއިރު ފިރިމީހާގެ އިޛުނަ ހޯދުމަކީ ޝަރުޠެއް ނޫނެވެ. ވާޖިބު ނޫން ރޯދަ ހިފާއިރު، ފިރިމީހާ ޙާޟިރުވެ ހުރިނަމަ ފިރިމީހާގެ އިޛުނަ ހޯދަން ޖެހޭނެ އެވެ.
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لَا يَحِلُّ لِلْمَرْأَةِ أَنْ تَصُومَ وَزَوْجُهَا شَاهِدٌ إِلَّا بِإِذْنِهِ {رواه البخاري (5191) ومسلم (1026} އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އަންހެނަކަށް، އެކަނބުލޭގެ ފިރިމީހާ ޙާޟިރުވެ ހުއްޓާ، އޭނާގެ އިޛުނައާ ނުލައި ރޯދަ ހިފުން (އެބަހީ ސުންނަތް ރޯދަ) ހުއްދަވެގެން ނުވެއެވެ.”
މިތަނުގައި މިބުނާ ރޯދައަކީ ސުންނަތް ރޯދަކަން އަންނަނިވި ރިވާޔަތުން އެނގެ އެވެ.
(لَا تَصُومُ الْمَرْأَةُ وَبَعْلُهَا شَاهِدٌ إِلَّا بِإِذْنِهِ غَيْرَ رَمَضَانَ) {.أبو داود (4258) والترمذي (782)صححه الألباني في صحيح الترمذي.} “އަންހެނަކު، އޭނާގެ ފިރިމީހާ ޙާޟިރުވެހުއްޓާ، އޭނާގެ އިޛުނައާ ނުލައި، ރަމަޟާންމަހުގެ ރޯދައެއް މެނުވީ ނުހިފާ ހުށިކަމެވެ.”
ޤަޟާ ރޯދައަކީ ރަމަޟާން މަހުގެ ރޯދައެކެވެ. އަދި އެހެނިހެން ވާޖިބު ރޯދަތަކަށްވެސް އަންނާނީ މި ޙުކުމެވެ. މިސާލަކަށް ކައްފާރާގެ ރޯދައާއި، ނަދުރު ރޯދަފަދަ ވާޖިބު ރޯދަތައް ހިފާއިރުވެސް ފިރިމީހާގެ ހުއްދަ ހޯދާކަށް ނުޖެހޭނެ އެވެ.
ސަބަބު: ވާޖިބު ރޯދާގައި ފިރިމީހާގެ ހުއްދަ ހޯދަން ނުޖެހޭ ސަބަބަކީ، ވާޖިބު ރޯދަ އަކީ ﷲ އަށްޓަކައި ވާ ދަރަންޏަކަށް ވާތީއެވެ. ﷲ އަށް ކިޔަމަން ގަތުމާއި ފިރިމީހާއަށް ކިޔަމަންގަތުމާއި ދެ ކަމަކީ ވެސް ވާޖިބަށްވާ ހިނދު، މީގެ ތެރެއިން ބޮޑަށް އިސްކަން ދޭން ޖެހެނީ ﷲ ގެ ޙައްޤަށެވެ.
ސުންނަތް ރޯދަ ހިފާއިރު ފިރިމީހާގެ އިޛުނަ ހޯދަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟
އެ ސަބަބަކީ ފިރިމިހާއަށް ކިޔަމަން ވުމަކީ ވާޖިބަކަށް ވެފައި ސުންނަތް ރޯދަ ހިފުމަކީ ސުންނަތަކަށް ވާ ހިނދު، ސުންނަތަށް ވުރެ ވާޖިބަށް އިސްކަން ދޭން ޖެހޭނެތީ އެވެ. ވާޖިބު އަޅުކަމަކާއި ސުންނަތް އަޅުކަމަކާ ދެކަން އެއްފަހަރާ ކުރަން ޖެހިއްޖެ ނަމަ އަބަދު ވެސް އިސްކަން ދޭން ޖެހޭނީ ވާޖިބު އަޅުކަމަށެވެ.
ނޯޓް: މިއީ ޝެއިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.