Last Updated: April 11, 11:14
Friday, April 11, 2025
ޚަބަރު

ޖެނެރަލް ޕްރެކްޓިޝަނާ ސެންޓަރުތައް ގާއިމުކުރަނީ

ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތު ކެއާ އަދި ޖެނެރަލް ޕްރެކްޓިޝަނާގެ ޚިދުމަތް ދިނުމަށް މާލޭގެ 6 އަވަށާއި އަތޮޅު ތެރޭގައި ސެންޓަރުތައް ޤާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ.

އިއްޔެގެ ބައްދަލުކުރެއްވުމުގައި ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތު ކެއާ އަދި ޖެނެރަލް ޕްރެކްޓިޝަނާގެ ހިދުމަތް ތައާރަފުކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން އެކަން ތަންފީޒުކުރައްވަން ފެއްޓެވުމަށެވެ.

އެގޮތުން މިނިސްޓްރީ އޮފް ފިނޭންސް އާއި، މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން މަޝްވަރާކުރައްވައިގެން މި ސިސްޓަމުގެ ތެރެއިން ސިއްހީ ހިދުމަތުގެ އިސްރާފުތައް ކުޑަކުރެވިގެން ދާނޭގޮތަކަށް މި މަސައްކަތް ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައިސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން މާލެ ސަރަހައްދާއި ރީޖަނަލް، ސިޓީތަކުގައި ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ޖާގަ ހަމަޖެއްސުމަށް ނިންމެވި އެވެ. ޑޮކްޓަރަށް ދެއްކުމަށް ކިޔުގައި ތިބެންޖެހޭ ވަގުތު މަދުކުރުމަށާއި މާލެ ސަރަހައްދުގައި މި ސެންޓަރުތައް ގާއިމުކުރުމަށް މިހާރު ޖާގަ ލިބެން ހުރި އިމާރާތްތައް ބަލައި މަސައްކަތް އަވަސްކުރެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފަ އެވެ.