Last Updated: December 28, 14:19
Saturday, December 28, 2024
ޚަބަރު

ހައްޖު ކޯޕަރޭޝަނުން ގެސްޓްހައުސް ހިންގުމަކީ ރަނގަޅު ގޮތްތޯ ވިސްނަންޖެހޭ

މިނިސްޓަރު މޫސާ ޒަމީރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހައްޖު ކޯޕަރޭޝަނުން ގެސްޓްހައުސް ހިންގުމަކީ އެންމެ ރަނގަޅު ގޮތްތޯ ވިސްނަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މޫސާ ޒަމީރާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ހައްޖު ކޯޕަރޭޝަނުން ގެސްޓް ހައުސް ހަދަންވީމައި ދެންވާނީ ކިހިނެއްތޯ ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ކުންފުނިތަކަށް ފަންޑު ލިބުމުން އެފަންޑް މެނޭޖް ކުރުމަށް މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ.

މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ގެސްޓް ހައުސް ހިންގަން މަސައްކަތްކުރުމަކީ އޭގެ ޒާތުގައި އެންމެ ފައިދާހުރި ގޮތްތޯ ކުންފުނީގެ ބޯޑުންނާއި ކުންފުނީގެ ހިއްސާދާރުން ވިސްނާލަންޖެހޭ ކަމަށެވެ.

އިތުރުވާ ފަންޑެއް ކުންފުންޏެއްގައި ހުރިނަމަ އެކަމެއްގެ ސްޕެޝަލިސްޓުންނާއި ހަވާލުކޮށްގެން އެ ފައިދާ ކުންފުންޏަށް ހޯދައިފިނަމަ އޭގެ ނަތިޖާ ރަނގަޅުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ. މިސާލަކަށް ޓޫރިޒަމަށް އިންވެސްޓްކުރާނަމަ އެދާއިރާގެ ސަރުކާރު ކުންފުނިތައް ހުރިކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެޗްޑީސީއާ، ހައްޖު ކޯޕަރޭޝަނާ ނޫނީ ފެނަކައިން ގެސްޓް ހައުސްއާ ރިސޯޓް ހެދީމަ، އަޅުގަނޑަށް ހީވަނީ އޭގެ ނަތީޖާ ރަނގަޅެއް ނުވާނެހެން." މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއްގައި މީގެކުރިން ވާހަކަ ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހައްޖު ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހަދައި ހައްޖަށް މީހުން ގެންދާ އަގު ކުޑަކުރުން ކަމަށެވެ.

އެގޮތުން ހަލާލް ޓޫރިޒަމް ތައާރަފްކޮށް މާފުށީގައި ސިޓީ ހޮޓަލެއް ހިންގުމަށް މާފުށީ ކައުންސިލްގެ ކުންފުންޏާއި ހައްޖު ކޯޕަރޭޝަނާ ގުޅިގެން ސަބްސިޑަރީ ކުންފުންޏެއް އުފާއްދާ އެރަށުގައި ސިޓީހޮޓަލެއް އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ހުޅުމާލޭގައި ލަގްޒަރީ އެޕާޓްމެންޓް އަޅައިގެން ވިއްކުމަށްވެސް އެ ކުންފުނިން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.