Last Updated: April 11, 11:14
Friday, April 11, 2025
ޚަބަރު

ރާއްޖޭގެ ވައި ނުސާފު، ސަމާލުވާން އެދިއްޖެ!

ވިލިމާލެ: ވައި އެންމެ ނުސާފީ އެ އަވަށަށް.

ރާއްޖޭގެ ވައި ނުސާފުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެތަނުން ބުނީ އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑާ އެއްކޮށް ރާއްޖޭގެ ވައި ނުސާފުވެފައިވާއިރު ،ވައިގެ ނުސާފުކަން ހުރުން ރަނގަޅީ 0-50 އާ ދެމެދުގައި ކަމަށެވެ.

މި ވަގުތު ރާއްޖޭގެ ވައިގެ ތަޣައްޔަރުކަމަށް ބަލާއިރު ވައިގެ ތަޣައްޔަރުކަން ބަލާ މިންގަނޑުން އެންމެ ވައި ނުސާފީ ވިލިމާލެއަށެވެ. އެގޮތުން ވިލިމާލޭގެ ވައި ނުސާފުމިން 94 ގައި ހުރިއިރު، މާލެއަށް 82 ގައި އަދި ށ.ފުނަދު އަށް އުޅެނީ 55 ގަ އެވެ.

އެޗްޕީއޭއިން ވަނީ ވައި ނުސާފުވާ ވަގުތުތަކުގައި އެކަމަށް ސަމާލުވުމަށް އެދިފަ އެވެ.

އޭގެ ތެރޭގައި ސަމާލުކަން ދޭންވީ ކަންކަން:

* ފުއްޕާމޭގެ ބަލިތަކާ ހިތުގެ ބަލިތަކާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
* ބޭރަށް ނިކުންނަން ޖެހޭ ހާލަތުގައި މާސްކު އެޅުން
* ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ގިނަ ވަގުތު ބޭރުގައި ނޫޅުން
* ތުއްތު ކުދިން ބޭރަށް ނުނެރުން
* ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
* ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑު ޖައްސާލުން

އެޗްޕީއޭ ވަނީ މި ވަގުތު ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ވައިގެ ނުސާފުމިން މެދު މިނުގައި ހުރިއިރު، މި މިންވަރުގެ ސަބަބުން ނޭވާލާ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކޮށް ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި އުޅުމުން ދުރުހެލި ވުމަށް އިލްތިމާސްކޮށްފަ އެވެ.