ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލަ ބަލައިނުގަތުމަށް ނިންމީ ރަނގަޅަށް ކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.
ޖިހާދުގެ މައްސަލަ ހައި ކޯޓަށް ބަލައިނުގަތީ، ޖިހާދު އުޅޭ އެޑްރެހެއް ސާފު ކުރުމަށްފަހު އަލުން މައްސަލަ ހުށަހެޅުމަށް ދިން 15 ދުވަހުގެ މުއްދަތު ފަހަނައަޅައި ދިޔަފަހުން ޕީޖީން މައްސަލަ ހުށަހެޅުމުންނެވެ.
ހައިކޯޓުގެ ރަޖިސްޓްރާގެ މި ނިންމުން މުރާޖައާ ކުރުމަށް ޕީޖީން ހުށަހަޅާފައިވާ މައްސަލައިގައި މިދިޔަ ހަފުތާގައި ހައިކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވަނީ ރަޖިސްޓްރާގެ ނިންމުން ބާތިލުކުރާނެ ތަނެއް ނެތްކަމަށެވެ. މިގޮތަށް ނިންމީ މިކަން ބެއްލެވި 3 ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު ދީބަނާޒް ފަހުމީގެ އަޣުލަބިއްޔަތުންނެވެ. މައްސަލައިގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ މައްސަލަ ބަލައިގަންނަންޖެހޭ ކަމަށެވެ.
ޖިހާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޭނާ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ހިންގި ކ. ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެންނެވެ. އެގޮތުން ޖިހާދުގެ މައްޗަށް އުފުލާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާ އެވެ.
މިމައްސަލައިގައި ޕީޖީ އޮފީހުން ބުނެފައިވަނީ، އިސްތިއުނާފު ބިނާކޮށްފައިވާނެ މައިގަނޑު އަސާސަކީ ކްރިމިނަލް ކޯޓުން މި ނިންމުން ނިންމުގައި ޤާނޫނީ އަސާސެއް ބަޔާންކޮށްފައި ނެތުމާއި ނިންމުމަށް ވާސިލުވި ސަބަބު އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައި ނެތުމެވެ. އަދި ހައިކޯޓުގައި އެދިފައިވަނީ މި މައްސަލައަކީ މައުޟޫއީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ތަހުވީލު ކޮށްދިނުމަށް ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ.