2011 ވަނަ އަހަރު އައްޑޫ ސިޓީގައި ސާކް ސަމިޓް ބޭއްވުމަށް ބިނާކުރި އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ހުރި ގިނަ އަދަދެއްގެ ގޮނޑިތަކާއި އެހެނިހެން ސާމާނު 'މިނިވަން50' ގެ ހަރަކާތްތަކުގައި ބޭނުންކުރުމަށް ރޭގެ ވަގުތެއްގައި މާލެ ގެންގޮސްފިއެވެ.
އީސީސީގެ މެއިން ހޯލުގައި ބޭނުންކުރާ 850 ގޮނޑީގެ އިތުރުން ފޮށިގަނޑުތަކުގައި ބަންދުކޮށްފައި ހުރި އެހެނިހެން ސާމާނު ރޭގެ ވަގުތެއްގައި ކަނޑުމަގުން މާލެ ގެނެސްފައިވާއިރު، މިކަމާއި ބެހޭގޮތުން މައުލޫމާތު ހޯދުމަށް ހޯމް މިނިސްޓްރީގެ މީޑިޔާ އޮފިޝަލަށް ގުޅި ނަމަވެސް އެބޭފުޅާ ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގައި ހޯމް މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
އީސީސީގެ މެއިން ހޯލުގައި ބޭނުންކުރާ ގޮނޑިތަކެއް މީގެ ކުރިން ވެސް މާލޭގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ބޭނުންކުރުމަށް ގެނެސްފައިވެއެވެ. އެފަހަރުވެސް ވަރަށް ސިއްރުން އެގޮނޑިތައް މާލެ ގެނެސްފައި ވަނީ 'ފަހުން އައްޑޫއަށް ފޮނުވާނެ' ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އައްޑޫ އިން މާލެ ގެނައި ގޮނޑިތައް އައްޑޫއަށް މިހާތަނަށް ވެސް ފޮނުވާފައެއް ނުވެއެވެ.
ސާކް ސަމިޓް ދުވަސްވަރު އީސީސީ އަށް ގެނެސްފައިވާ ފަރުނީޗާއި އޮފީސް މަސައްކަތްތަކަށް ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތައް އެކި ބޭނުންތަކަށް ކަމަށް ބުނެ މާލެ ގެންގޮސްފައިވާތީ އެކަމާއި އައްޑޫގެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުން ގެންދާއިރު ސަރުކާރުން އަބަދުވެސް ބުނަމުން ގެންދާ ވާހަކައަކީ އީސީސީ ވީރާނާވެގެން ދިޔަ ނުދޭނެ ކަމަށެވެ.
އީސީސީ ވީރާނާކޮށް ނުލާނެ ކަމަށް ސަރުކާރުން ކިތަންމެ ވަރަކަށް އައްޑޫގެ ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރި ކަމުގައި ވިޔަސް، ފެންނަމުން ދަނީ އެކި ބޭނުންތަކަށް ކަމަށް ބުނެ އީސީސީގައި ހުރި ސާމާނުތައް މާލެ ގެންދާ މަންޒަރެވެ.