އިނގިރޭސިން ގަމުން ފޭބީ އައްޑޫގެ ރައްޔިތުންނަށް ފުރިހަމަ އެއަޕޯޓަކާއި އެއާޕޯޓަށް ބޭނުންވާ ޖެޓް ފިއުލް އާ އެކު އެއް މިލިއަން ގެލަނަށް ވުރެ ގިނަ އަދަދެއްގެ ތެޔޮ ރައްކާ ކުރެވޭ ފިއުލް ފާމެއްގެ އިތުރުން އެދުވަސްވަރު ރާއްޖޭގައި ނެތް ފަދަ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ވެސް ހުރިހާ ވަޞީލަތްތަކާޢި އެކު އައްޑޫގެ ރައްޔިތުންނަށް ހެޔޮ ހިތުން ހަދިޔާކޮށްފައެވެ.
ނަމަވެސް އިނގިރޭސިން އައްޑޫ އިން ފޭބިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުން "ޣަނީމާ" މުދާ ގެންދާ އުސޫލުން ތެޔޮ ފާމުގައި ހުރި ޓޭންކުތަކާއި އިނގިރޭސިން ހަދިޔާކޮށްފައި ދިޔަ ހޮސްޕިޓަލްގައި ހުރި ހުރިހާ ސާމާނެއް ވެސް ތަފާތު ބަހަނާތައް ދެއްކުމަށްފަހު މާލެ ގެންދެވުނެވެ.
އައްޑޫގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުން އެމީހުންނަށް ސަރުކާރުގެ ފަރާތުން ލިބުނު ފައިސާގެ އިނާމްތަކާއި އެހެނިހެން އިނާޔަތްތަކަށް ހެއްލި ގަނެގެން އައްޑޫގައި އޭރު ހުރި ހުރިހާ ވަޞީލަތްތަކެއް ބަހައި ހުސްކޮށްލީ ކަމަށް އައްޑޫގެ ގިނަ ރައްޔިތުން މިއަދުވެސް ޤަބޫލު ކުރެއެވެ.
އައްޑޫގެ ރައްޔިތުންގެ ތެރެއިން ބަޔަކު މީހުން އެމީހުންގެ އަމިއްލަ އެދުން އިސްކުރުމުގެ ސަބަބުން މިއަދު އައްޑޫގެ ރައްޔިތުންގެ ޙާލަތު މިވަނީ ވަރަށް ދަށަށް ގޮސްފައި ކަމުގައި ދަންނަވަން ޖެހެއެވެ. މީގެ 50 އަހަރު ކުރިން ރާއްޖޭގެ ކަންކޮޅުތަކުން ބޭސްފަރުވާ ކުރުމަށް އައްޑޫއަށް މީހުން އައި ނަމަވެސް މިއަދު އައްޑޫ ރައްޔިތުން އެކްސްރޭ އެއް ނަގަން ޖެހުނު ކަމުގައި ވިޔަސް ބައެއް ފަހަރަށް ފުރައިގެން މާލެ އަށް ނުވަތަ ރާއްޖެއިން ބޭރު ކޮންމެވެސް ޤައުމަކަށް ދާން މިވަނީ ޖެހިފައެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ދޮށީ އުމުރުގެ ގިނަ ރައްޔިތުން ބުނާގޮތުގައި އައްޑޫ ހޮސްޕިޓަލުގައި ހުރި ސާމާނުތައް ގެންގޮސްފައިވަނީ މާލޭގައި ހުރި ސެންޓްރަލް ހޮސްޕިޓަލަށެވެ. އަދި އެތަކެތި މާލެ ގެނެސްފައި ވަނީ އެކަމަށް ޚާއްސަކޮށް ސަރުކާރުން ފޮނުވި ބޯޓު ފަހަރުގައި ކަން އެމީހުން ފާހަގަކުރެއެވެ.
އިނގިރޭސިން ގަމުން ފޭބުމަށް ފަހު އެއަރޕޯޓް ބޭނުން ނުކޮށް އޮތުމަށްފަހު ހައެއްކަ އަހަރު ފަހުން އެއަރޕޯޓް ބޭނުންކުރަން ފެށުނެވެ. ފަސް ދުވަހާއި 6 ދުވަހުގެ މުއްދަތެއް ކަނޑުމަތީގައި ހޭދަކޮށްފައި މާލެ ދިޔަ ގިނަ ބަޔަކަށް ދޮޅު ގަނޑިއިރުގެ ތެރޭގައި މާލެ ދެވޭނެ ގޮތް ހަމަޖެހުން ވެގެން ދިޔައީ ބޮޑު އުފަލަކަށެވެ.
މިގޮތަށް އެއަރޕޯޓް ބޭނުން ކުރެވެމުން ގޮސް ސ.ގަމުގައި ފަތުރުވެރިކަން ތަޢާރަފުވެ އެކަމަށް މަސައްކަތް ކުރެއްވި އައްޑޫ ސިޓީގެ ބޭފުޅަކު އެއަރޕޯޓް ރަނގަޅު ފެންވަރެއްގައި ހިންގުމަށްޓަކައި ހޯދަން މަސައްކަތްކުރެއްވިއެވެ. ނަމަވެސް ސަރުކާރުން ބަޔަކު އެކަމަށް ތާއީދު ނުކުރާތީ އެފުރުސަތު ސަރުކާރުން އޭރަކު ނުލިބުނެވެ.
އެދުވަސްވަރުވެސް އައްޑޫ ވިލިނގިލި ފަތުރުވެރިކަމަށް ހުޅުވާލެވުމުގެ ވާހަކަ ދެކެވުނެވެ. ނަމަވެސް އޭރު ރާއްޖޭގައި ފަތުރުވެރިކަން ހިންގާ ބައެއް ބޮޑެތި ވިޔަފާރިވެރިން ވިދާޅުވި ކަމަށްވަނީ ރިސޯޓުތަކުގައި ގިނައިން ވަޒީފާ އަދާކުރަންތިބީ އައްޑޫ މީހުންނާއި ދެކުނުގެ މީހުން ކަމުން ދެކުނުގައި ނުވަތަ އައްޑޫގައި ފަތުރުވެރިކަން ފެށިއްޖެނަމަ ރިސޯޓުތަކަށް ހީނަރުކަން އަތުވެދާނެ ކަމަށެވެ.
ދިވެހި ސަރުކާރުގައި އޭރު އުޅުއްވި ބައެއް އިސް ބޭފުޅުން، "ދިޔަދޮވީގެ ދެކޮޅުން ފެން ވެއްޓުން އެއީ ޤަބޫލުކުރެވޭނެ ކަމެއްނޫންކަމަށް" ވިދާޅުވެ އައްޑޫގައި ހުރި ހޮސްޕިޓަލުގެ ހުރިހާ ވަޞީލަތްތައް މާލެ ގެންދިޔަ ގޮތަށް މިހާރުވެސް ކަންތައް ވަމުންދާތަން މިދަނީ ފެންނަމުންނެވެ.
2011 ވަނަ އަހަރުގެ ސާކް ސަމިޓް ނިމުމާއިއެކު އީސީސީގައި ހުރި އޮފީސް މަސައްކަތަށް ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު އެކި ބޭނުންތަކަށް ކަމަށް ބުނެ މާލެ ގެންގޮސްފައިވާއިރު އެންމެ ފަހުން އީސީސީގައި ހުރި ގޮނޑިތައް ވެސް މާލެ ގެންދަން މިވަނީ ފަށައިފައެވެ.
އަައްޑޫ ސިޓީ ކައުންސިލުން އީސީސީ އާއި އެތަން ހިމެނޭ ސަރަހައްދު ޓޫރިޒަމަށް ތަރައްގީ ކުރަން ހުޅުވާލައި އަދި އެތަން ބަޔަކާ ހަވާލު ކުރަން ތައްޔާރު ވަމުން ދަނިިކޮށް، ފެބްރުއަރީ 7، 2012 ގައި ނަޝީދުގެ ވެރިކަން ބަދަލުވުމުން، އެ މަސައްކަތް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ހުއްޓުވައި އީސީސީގައި ބޭރުގެ ޔުނިވަސިޓީއެއްގެ ގޮއްޕެއް ހުޅުވާ ވާހަކަ ދެއްކި އެވެ. ނަމަވެސް އެކަން ނުވެ އެބޭފުޅާގެ ވެރިކަން ނިމި މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ތަނަށް ހަރަދުކޮށް ހިންގައި މަރާމާތުކޮށް ބެލެހެއްޓުމާއި އަދި އީސީސީ ހުރި ސަރަހައްދުގައި ޓޫރިޒަމާއި އެކިއެކި ސިނާއީ ހިދުމަތްދޭ ތަންތަން ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ބީލަމަށް ލާފައި ވިޔަސް ފަހުން އެކަމާ ގުޅޭ އެއްވެސް ކަމެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އީސީސީގެ ތަރައްޤީއަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާއިރު އެމަނިކުފާނުގެ ޕާޓީގެ ޖަލްސާ އެއްގައި ބޭނުންކުރުމަށް ވެސް އީސީސީގެ ގޮނޑިތަކެއް މާލެ ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެެވެ. ޕީޕީއެމްގެ ޖަލްސާއަށް ފަހު އަނބުރާ އައްޑޫއަށް ފޮނުވާނެ ކަމަށް ބުނެ ގެންދިޔަ ގޮނޑިތައް އަނބުރާ އައްޑޫއަށް ގެނެސްފައި ނުވާއިރު މިނިވަން50 ގެ ހަރަކާތްތަކުގައި ބޭނުންކުރުމަށް ކަމަށް ބުނެ އީސީސީ އިން 850 ގޮނޑި އަނެއްކާވެސް ވަނީ މާލެ ގެންގޮސްފައެވެ.
ޖުލައި މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރާއިރު އައްޑޫ ސިޓީގެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި އެ ދުވަހަކީ އައްޑޫ ވީރާނާކުރުމުގެ ސަޤާފަތް ފެށުނުތާ 50 އަހަރު ވެސް ފުރިގެންދާނެ ދުވަހެކެވެ.
ކޮންމެ އަކަސް ދިވެހިރާއްޖެ އަށް މިނިވަންކަން ލިބުމުގެ 50 އަހަރު ކުރިން ސ.ގަމުގައި ހުރި ތެޔޮ ފާމާއި ހޮސްޕިޓަލުގައި ހުރި ސާމާނުތައް އެކި ބޭނުންތަކަށް ކަމަށް ބުނެ މާލެ ގެންދިޔަ ގޮތަށް އީސީސީގެ ދޮރުފަތްތަކާއި ބިއްލޫރިތައް ވެސް އަދި މާލެ ނުގެންދާނެ ކަމެއް ނޭނގެއެވެ. ހިތާމައަކީ އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު އެކަމަށް އެއްބާރުލުން ދީގެން ހެވިދިއްލިފައި ތިބޭ ކަމެވެ.