އިމާމުވެ ހުކުރު ކުރާނެ ޒުވާން ޚަތީބުން ތަމްރީނު ކުރަން އިސްލާމިކް މިނިސްޓްރީން ފަށާފައި އޮތް ޕްރޮގްރާމްގެ ދަށުން އައްޑޫގައި ކުރިއަށް ގެންދިޔަ ބެޗްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
ޚަތީބުކަމުގެ އެ ބެޗް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރީ މިނިސްޓްރީން އައްޑޫގެ އިމާމުން ތާޒާކުރަން ބޭއްވި ޕްރޮގްރާމް ނިންމާލައި، ސެޓްފިކެޓް ދޭން ބޭއްވި ރަސްމިއްޔާތުގަ އެވެ. އެގޮތުން ޒުވާން 18 ޚަތީބުންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝެއިހް މުހައްމަދު ލަތީފެވެ.
އައްޑޫގައި ޚަތީބުން ތަމްރީނުކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭރު މާލޭގައި ވެސް ބެޗެއް ކުރިއަށް ގެންދިޔަ އެވެ.
ޒުވާން ޚަތީބުން ތަމްތީނު ކުރުމުގެ ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދޭން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އަމާޒަކީ އިމާމުވެ ހުކުރުކުރާ ޒުވާން އާ ޖީލެއް އުފެއްދުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިހާތަނަށް ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ދަށުން 270 ޒުވާން ޚަޠީބުން ސެޓްފިކެޓް ހާސިލުކޮށްފައިވެ އެވެ. މިނިސްޓްރީގެ އަމާޒަކީ ފަސް އަހަރުތެރޭ 1،000 ޒުވާން ޚަޠީބުން އުފެއްދުމެވެ.