އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޝެއިޚް އިލްޔާސް ޙުސައިން އެދިވަޑައިގެންފިއެވެ.
މައްކާގައި ހުންނަވައިގެން ޔޫޓިއުބް މެދުވެރިކޮށް އައްޑޫގެ ރައްޔިތުންނަށް ދެއްވި ޚާއްސަ މެސެޖެއްގައި ޝެއިޚް އިލްޔާސް ވިދާޅުވެފައިވާ ގޮތުގައި ހާމަކަން ބޮޑު ތަނެއްގައި ޢީދު ނަމާދު ކުރެވޭނަމަ އެކަމުގައި ބައިވެރިވުމަކީ ސުންނަތް ކަން ގަދަ ވެގެންވާ ކަމެއް ކަމަށާއި އެހެން ކަމުން އައްޑޫ ސްޓޭޑިއަމްގައި ކުރެވޭ ޢީދު ނަމާދުގައި ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ އާއި ހިރާ ސްކޫލް އަދި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ޢީދު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސަމުން އަންނައިރު އީދު ނަމާދުގައި ބައިވެރިވުމަށް ބޭނުންވާ ބޭފުޅުންނަށް ހިލޭ ބަސްދަތުރު ވެސް ހަމަޖައްސާފައިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި އިމާމްވެ ޢީދު ނަމާދު ކުރައްވާނީ އައްޝައިޚް ޙަސަން ލަތީފް މޫސާއެވެ.