Last Updated: February 10, 21:50
Monday, February 10, 2025
ޚަބަރު

ދުންފަތާ ދުރުވާން ހާއްސަ ހޮޓްލައިނެއް ތައާރަފުކޮށްފި

ދުންފަތުން ދުރުވާން ބޭނުންވާ މީހުން އެހީ ހޯދަން ގުޅަން ހާއްސަ ނަމްބަރެއް ހެލްތު މިނިސްޓްރީން ތައާރަފުކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ދުންފަތުން ދުރަށްދާން ބޭނުންވާ މީހުން ފަރުވާ ހޯދުމަށް އެ މިނިސްޓްރީން މިހާރު ނަމްބަރެއް ތައާރަފުކޮށްފައިވާ ކަމަށެވެ. އެ ހޮޓްލައިނަކީ
"ކުއިޓް ލައިން" ގެ ގޮތުގައި ތައާރަފުކޮށްފައިވާ 1671 އެވެ.

އެ ނަމްބަރުގެ ހިދުމަތް އަންނަ އާދިއްތަ ދުވަހުން ފެށިގެން ހެލްތު ޕްރޮޓެކްޥަން އެޖެންސީ (އެޗްޕީއޭ) މެދުވެރިކޮށް ލިބެމުން ދާނެ އެވެ.

"ސިޒޭޝަންގެ ޚިދުމަތް ފަސޭހައިން ލިބޭނެގޮތް ހެދުމަށްޓަކައި ކްއިޓްލައިނެއް މިވަނީ ޤާއިމްކުރެވިފައި. މިއީ 24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ޤައިމްކުރެވިފައިވާ ކުއިޓް ލައިނެއް،" ނާޒިމް ވިދާޅުވި އެވެ. "މި އަންނަ އާދިއްތަ ދުވަހުން ފެށިގެންމި މި ކުއިޓް ލައިންގެ ޚިދުމަތް އެޗްޕީއޭ މެދުވެރިކޮށް 24 ގަޑިއިރު ލިބިގެން ދާނެ."

މިނިސްޓަރު ވިދާޅުވީ ދުންފަތުން ދުރުވާ ބޭނުންވާ މީހުންނަށް ބޭނުންވާ ތަކެތި އާސަންދަ މެދުވެރިކޮށް ލިބޭނެ ވެސް އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"އެކަމަށް ބޭނުންވާ ނިކޮޓިން ޕެޗް، އާދެ ގަމް އަދި އެހެނިހެން ފަރު ވާވެސް އާސަންދައި ކަށަވަރުކުރާނެ ގޮތް މިހާރު ސަރުކާރުން ވަނީ ނިންމާވާފައި." އޭނަ ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ގާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ދުންފަތާ މީހުން ދުރުކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްތަކުގައި "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ކްލިނިކްތައް ޤާއިމުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މިހާރު ރާއްޖޭގައި ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ސެޒޭޝަންގެ ޚިދުމަތް މާލޭގައި ދެނީ ތިން ހޮސްޕިޓަލަކުންނާއި ދަމަނަވެށިންނެވެ. އަދި އަތޮޅުތެރޭގެ 48 ތަނަކުން އެ ޚިދުމަތް ލިބޭ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.