Last Updated: February 5, 18:17
Wednesday, February 5, 2025
ޚަބަރު

ކެފޭގެ މަނާ ތަނުގައި ސިނގިރޭޓު ބޯނަމަ ހުއްދަ ބާތިލު ކުރާނެ

ކެފޭ އާއި ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދުތަކުގައި އެކަން ކުރާނަމަ، އެތަނެއްގެ ވިޔަފާރި ހުއްދަ ބާތިލު ކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރަން ނިންމާފައިވާކަން ހެލްތު މިނިސްޓްރީން ހާމަ ކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ ކެފޭ އާއި ރެސްޓޯރެންޓްތަކުގެ މަނާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކޮށްގެން އެ ތަނެއް ޖޫރިމަނާ ކުރެވޭ ފައިސާ ނުދައްކައިފި ނަމަ، އެ ތަނަކަށް ހެލްތުން ދޫކޮށްފައިވާ ހުއްދައިގެ އިތުރުން ވިޔަފާރީގެ ހުއްދަ ވެސް ބާތިލު ކުރެވޭނެ ކަމަށެވެ.

އޭނަ ވިދާޅުވީ ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ނަތީޖާ ފެންނާނީ ގާނޫނު ރަނގަޅަށް ތަންފީޒުކޮށްގެން ކަމަށެވެ.

"މި ގާނޫނުގައި އެބަހުރި އެ ތަނަށް ހެލްތުން ދޫކޮށްފައި ހުންނަ ހުއްދަ ބާތިލު ކުރުމުގެ ފުރުސަތު އެބައޮތް މިހާރު ގާނޫނުން،" ހަސަން ވިދާޅުވި އެވެ. "އަދި އެ ވަރުން ވެސް އެ ތަން އިސްލާހު ނުވެއްޖެ ނަމަ އެތަނަށް ދޫކޮށްފައި އޮތް ވިޔަފާރީގެ ހުއްދަ ވަގުތީ ގޮތުން ހުއްޓުވައި، ވަކި ހިސާބަކުން ބާތިލު ކުރުމުގެ ފުރުސަތު ވެސް އެބަ އޮތް."

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ގާނޫނުތައް ތަންފީޒު ކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށާއި އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން އެ ގާނޫނު ތަންފީޒު ކުރެވޭނެ މަގުތައް މިހާރު ކުރެވެމުންދާ މަސައްކަތުގެ ދަށުން ކުރެވި، ކުރިއަށް އޮތް ތަނުގައި އެންމެން ގުޅިގެން އެކަން ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"މިފަދަ ކޮންމެ ކަމެއްގައި ތަންފީޒު ކުރުމުގައި ގޮންޖެހުންތަކެއް ހުރޭ،" ނާޒިމު ވިދާޅުވި އެވެ. "އަޅުގަނޑުމެން އެންމެ ފުރަތަމަ މިކަން ތަންފީޒު ކުރަން އެދޭ މުއައްސަސާއެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ކަންބޮޑުވާ ވެސް ކަމެއް."މިފަދަ ކޮންމެ ކަމެއް އެންމެ ސެކްޓާއެއް ގުޅިގެން އަޅުގަނޑުމެންނަށް ހާސިލު ނުވާނެކަން އެއީ އެނގޭ ކަމެއް. ކަށަވަރުވާ ކަމެއް. މީގައި ތަންފިޒީ އިދާރާތަކާއި އާންމު މުޖުތަމައުގެ އެއްބާރުލެއްވުމާއި ކޮންމެ ފަރުދަކީމެ މިފަދަ ކަމެއްގައި އެހީތެރިކަން ހުރި ފަރުދެއްކަމުގެ ވިސްނުން މުޅި މުޖުތަމައުއަށް އަޅުގަނޑުމެން ގެންނަން އެބަޖެހޭ."