އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އައްސާމްގެ ރެސްޓޯރަންޓްތަކާއި އާންމު އެއްވެސް ތަނެއްގައި ގެރިމަހުން ތައްޔާރުކޮށްފައިވާ ކެއުންތައް މަނާކޮށްފި އެވެ.
އެ ސްޓޭޓްގައި މިކަން މަނާކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެންނެވެ.
އައްސާމް ސްޓޭޓްގެ ޗީފް މިނިސްޓަރު ހިމަންތާ ބިސްވާ ސަރުމާ ވިދާޅުވީ އާންމު އެއްވެސް ތަނެއްގައި މީގެ ފަހުން ގެރިމަސް ކާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އައްސާމްގެ އާންމު ތަންތަނުގައި ގެރިމަސް ކެއުން މަނާކުރުމުގެ ކުރިން ފައްޅިތަކާއި އެ ނޫން ވެސް އެފަދަ ތަންތަނުގެ ކައިރީގައި އެ މަސް ކެއުން މަނާކޮށްފައިވެ އެވެ.
އައްސާމް ސްޓޭޓުން ބުނީ ގެރިމަހާ ގުޅޭ އުސޫލު ކުރިއަށް ވުރެ ހަރުކަށިކުރި ނަމަވެސް ފިހާރަތަކުން އެ މަސް ވިއްކޭނެ ކަމަށާއި މަސް ގަނެގެން ގޭގޭގައި ކެވޭނެ ކަމަށެވެ.
އިންޑިއާގެ ބައެއް ހިންދޫން ގެރިއަށް އަޅުކަން ކުރާތީ އެއީ އެ މީހުން މާތް އެއްޗެއްގެ ގޮތުގައި ދެކޭތީ އިިންޑިއާގެ މުސްލިމުންނަށް ގެރިމަސް ކެއުމުގައި ބޮޑެތި ތުރާތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. އަދި މި މައްސަލައިގައި މީގެ ކުރިން ހިންދޫން މުސްލިމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާއް ހިންގައި، ބައެއް ސްޓޭޓްތަކުން މުސްލިމުން މަރާފައި ވެސް ވެ އެވެ.
ބައެއް ސްޓޭޓްތަކުގެ ގޭގައި ގެރިމަސް ކައްކާކަން އެނގޭ ނަމަ ގެތަކަށް ހިންދޫން ވަދެގަނެ މުސްލިމު އާއިލާތަކާ މާރާމާރީ ހިންގުމުގެ އެތައް ހާދިސާތަކެއް ވެސް މިހާތަނަށް ހިންގާފައިވެ އެވެ.
އިދޫންގެ އާބާދީ 80 ޕަސެންޓަށް އަރަ އެވެ.