Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ނަމާދު ގާއިމުކުރޭ، މަސައްކަތުގައި ބަރަކާތް ލައްވާނެ

ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ މަސައްކަތުގައި ބަރަކާތް ލައްވާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނީ މަސައްކަތުގައި އަވަދިނެތި އުޅުމަކީ ތިމާ ނަމާދުތަކަށް ފަރުވާކުޑަކުރާން ޖެހޭ ސަބަބެއް ނޫން ކަމަށާއި ދިރިއުޅުމުގެ ބޭނުން ފުއްދުމަށްޓަކައި ކޮންމެ ފަދަ މަސައްކަތެއް ކުރިކަމުގައި ވިޔަސް ނަމާދު ވަގުތު ޖެހުމުން އެ ނަމާދުކުރާން އަވަސްވެގަންނާން ޖެހޭ ކަމަށެވެ. ނަމަވެސް ބައެއް ބާވަތުގެ މަސައްކަތުގައި އުޅޭންޖެހޭ ގޮތުން މިސްކިތުގެ ޖަމާޢަތަށް ހާޒިރުވުމަށް ދަތިތަކެއް ހުރެދާނެ ކަމަށާއި އެ ފަދަ މީހުންނަށް އޮތީ އެ ތިބި ތަނެއްގައި ތިބެ ނަމާދުކުރުން ކަމަށްވާއިރު މިސްކިތު ޖަމާޢަތަށް ހާޒިރު ނުވެވުމަކީ ނަމާދު އެޅުމަށް އޮތް އުޒުރެއް ނޫން ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

"ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ ޢަމަލުތައް ސީދާވެ ކުރާ މަސައްކަތުގައި ބަރަކާތް ލައްވާނެ ކަމެކެވެ. ދީނުގައި އަންގަވައިފައިވާ ގޮތުގެ މަތީން، ނަމާދުތައް އޭގެ ޝަރުޠުތަކާއި ރުކުންތަކާއި ވާޖިބުތަކާއި މުސްތަޙައްބު ކަންތައް ފުރިހަމަކޮށްފި މީހާއަށް ލިބޭ ފައިދާތަކުގެ ތެރޭގައި ފާޙިޝް ކަންތައްތަކާއި މުންކަރާތްތަކުން ދުރުހެލިކޮށްދިނުމާއި، ވަގުތަށް ކަމޭހިތުމާއި، އަމުރަށް ކިޔަމަންވުމާއި، الله އަށް ބިރުވެތިވެ ޚުޝޫޢަތްތެރިވުން ފަދަ ކަންކަން ހިމެނެއެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

ނަމާދަކީ އެންމެންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ އަޅުކަމަކަށް ވީ ހިނދު، ހުކުރުގެ ޖަމާޢަތަށް ސަމާލުކަން ދޭ ފަދައިން ފަރުޟު ފަސް ނަމާދަށް ވެސް ސަމާލުކަން ދިނުމަށް ހުތުބާގައި ވަނީ އިލްތިމާސްކޮށްފަ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޢުމުރުން ދުވަސްވެފައިވާ މީހުން ނަމާދަށް ފަރުވާތެރިވާ މަންޒަރަކީ ނުހަނު އުފާވެރިކަން ހިތަށް ގެނުވާ މަންޒަރެއް ކަމަށާއި ނަމަވެސް ޒުވާނުންނާއި ފުރާވަރުގެ ކުދީން މިސްކިތްތަކުން ފެންނަ ޢަދަދު މަދުވުމަކީ ހިތާމައެއް ކަމަށް ހުތުބާގައި ބުންޏެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމުގައި ވީހިނދު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް މިސްކިތްތައް ވަރަށް ގިނަ ކަމަށާއި ނަމަވެސް އެ މިސްކިތްތަކަށް އަރައި ނަމާދުކުރާ މީހުންގެ ޢަދަދު މަދުވުމަކީ ވެސް ހިތާމައެއް ކަމަށް ބުނެފައިވެ އެވެ. އަދި ރީތި މިސްކިތްތަކެއް ކިތަންމެ ބައިވަރު އަދި ކައިރިކައިރީގައި ބިނާކުރެވުނަސް އެ މިސްކިތްތަކުގެ ފަޅުފިލުވާން އަރާނެ ބަޔަކު ނުވާނަމަ އެއީ އެކަމާ ބިރުގަންނާން ޖެހޭނެ ކަމެއް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.