Last Updated: December 26, 20:02
Thursday, December 26, 2024
ދުނިޔެ

ޔޫކޭގައި އެންމެ މަގުބޫލު ނަމަކީ 'މުހައްމަދު'

އިނގިރޭސިވިލާތުގައި އަލަށް އުފަންވާ ފިރިހެން ކުދިންނަށް މިހާރު ދޭ އެންމެ މަގުބޫލު ނަމަކީ މުހައްމަދު ކަމަށް އެ ގައުމުގެ އޮފީސް އޮފް ނެޝަނަލް ނެޝަނަލް ސްޓެސްޓިކްސް (އޯއެންއެސް) އިން ބުނެފި އެވެ.

އެތަނުން ބުނީ މިދިޔަ އަހަރު އެކަނި ވެސް އިނގިރޭސިވިލާތާއި ވޭލްސް އިން އެ ނަން ކިޔާ 4،600 އަށް ވުރެ ގިނަ ކުދިން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ 2016 އިން ފެށިގެން ޔޫކޭގެ އެންމެ މަގުބޫލު 10 ފިރިހެން ނަމުގެ ތެރޭގައި ވެސް މުހައްމަދު ހިމެނޭކަމެވެ.

މިހާރު އެންމެ މަގުބޫލު ނަމަކަށް މުހައްމަދުވެފައިވާ އިރު، ކުރިން އިނގިރޭސިވިލާތުގައި އުފަންވާ ފިރިހެން ކުދިންނަށް އެންމެ ގިނައިން ދެމުން އަންނަ ނަމުގެ ގޮތުގައި އޮތީ ނޯއާ އެވެ.

މުހައްމަދު އެ ނަން ދެ ގޮތަކަށް އިނގިރޭސިވިލާތުގައި އަންނަނީ ލިޔަމުންނެވެ. އެއީ "Mohammed" އާއި "Mohammad" އެވެ.

އިނގިރޭސިވިލާތާއި ވޭލްްސްގައި މިހާރު އެންމެ މަގުބޫލު 10 ފިރިހެން ނަމުގެ ތެރޭގައި މުހައްމަދާއި ނޯއާގެ ފަހަތުން ދެން އަންނަނީ އޮލިވާ، ޖޯޖް، ލިއޯ، އާތާ، ލޫކާ، ތިއޮޑާ، އޮސްކާ އަދި ހެންރީ އެވެ.

ދެހާސް ބާވީހުން ފެށިގެން ޔޫކޭގައި އެންމެ މަގުބޫލު އަންހެން ނަމަކީ އޮލީވިއާ އެވެ. އެގޮތުން ފާއިތުވި ތިން އަހަރު ބަދަލެއް ނައިސް ގަދަ ތިނެއްގައި އެ ނަމުގެ އިތުރުން އޮތީ އެމީލިއާ އަދި އިޒްލާ އެވެ. ލިސްޓް 10 އަށް ދަންމައިލާ އިރު ދެން ހިމެނެނީ ލިލީ، ފްރިޔާ، އަވާ، އައިވީ، ފްލޮރެންސް، ވިލޯ އަދި އީޒަބެލް އެވެ.