Last Updated: December 21, 20:19
Saturday, December 21, 2024
މުނިފޫހިފިލުވުން

އާމިރުގެ އާ ފިލްމު އަންނަ އަހަރުގެ މެދުތެރޭގައި

މި އަހަރުގެ މެދުތެރޭގައި ޝޫޓިން ނިންމާފައި އޮތް އާމިރު ޚާންގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރް" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް އޭނަ ބުނެފި އެވެ.

މި ފިލްމަކީ އެންމެ ފުރަތަމަ މި މަހުގެ ފަހުކޮޅު ބެލުންތެރިންނަށް ގެނެސްދޭން ނިންމި ފިލްމެކެވެ.

ނަމަވެސް އަންނަ އަހަރަށް ފިލްމު ފަސްކޮށް، އަހަރުގެ މެދުތެރޭގައި ސިނަމާތަކަށް "ސިތާރޭ ޒަމީން ޕަރް" ގެންނަން ނިންމިކަން އާމިރު ކަށަވަރުކޮށް ދިނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިހާރު ކުރިއަށްދާ މި އަހަރުގެ 'ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް' ގެ ތެރޭގަ އެވެ.

އާމިރު ބުނީ އޭނަ ޕްރޮޑިއުސްކޮށް ކުޅުނު އަދި އެސް ޕްރައްސަނާ ޑައިރެކްޓްކުރި ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތްތައް މި މަހުގެ ފަހުކޮޅު ފަށަން ނިންމާފައިވާ ކަމަށެވެ.

"އެހެންވީމަ އަންނަ އަހަރުގެ މެދުތެރޭގައި ފިލްމު ގެނެސްދެވޭނެ." އޭނަ ބުންޏެވެ.

"ސިތާރޭ ޒަމީން ޕަރް" އަކީ ސްޕެއިންގެ 2018 ގެ ފިލްމު "ޗެމްޕިއަންސް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. އޭގައި ދައްކުވައި ދިނީ ހާއްސަ އެހީއަށް ބޭނުންވާ ބާސްކެޓް ކުޅުންތެރިންތަކެއް ގޮވައިގެން ކޯޗަކު ބޮޑެތި މުބާރާތްތަކެއް ކާމިޔާބުކުރަން ކުރާ މަސައްކަތްތަކެވެ.

އާމިރު ބުނީ "ސިތާރޭ ޒަމީން ޕަރް" އަކީ އޭނަ ޑައިރެކްޓްކޮށް، ކުޅުނު 2007 ގެ ފިލްމު "ތާރޭ ޒަމީން ޕަރް" ގޮތަށް ވަރަށް ޖަޒުބާތީ ފިލްމަކަށް ވާނެ ކަމަށެވެ. އެކަމަކު ކުރީގެ ފިލްމުން ބެލުންތެރިން ރޮއްވައިލި ނަމަވެސް، އާ ފިލްމަކީ ބެލުންތެރިން ހެއްވައިލާނެ ފިލްމެއް ކަމަށް ބުންޏެވެ.

އާމިރުގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ލާލް ސިންގް ޗައްޑާ" އެވެ.