އެމެރިކާގައި ޓިކްޓޮކް މަނާކުރަން ފާސްކުރި ގާނޫނާ ދެކޮޅަށް އެ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލަ ފެޑެރޯލް ކޯޓުން ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ.
އަންނަ އަހަރުގެ ކުރީކޮޅު، އެމެރިކާގައި ޓިކްޓޮކް މަނާވާ ގޮތަށް ފާސްކޮށް މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ތަސްދީގުކުރި ގާނޫނުގެ މައްސަލަ ކޯޓަށް ހުށަހެޅީ އެ ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެވެ. އެގޮތުން އެ ގާނޫނަކީ ހިޔާލުފާޅު ކުރުމުގެ ހައްގު ނިގުޅައިގެންފައިވާ ގާނޫނެއް ކަމަށް ޓިކްޓޮކުން ބުންޏެވެ.
އެ ކުންފުނިން ބުނީ އެމެރިކާގައި ޓިކްޓޮކް މަނާކޮށްފި ނަމަ 170 މިލިއަނެއްހާ މީހުންގެ ހައްގު ގެއްލިގެން ދާނެ ކަމަށެވެ.
ކޯޓުން މައްސަލަ ބޭރުކުރީ ޓިކްޓޮކް މަނާކުރާ ގާނޫނަކީ "ގައުމުގެ ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރި ކަމަށް ފާސްކުރި ގާނޫނެއް" ކަމަށް ބުނެ އެވެ.
ކޯޓުން މައްސަލަ ބަލައިނުގަތުމާ ގުޅިގެން ޓިކްޓޮކް ހިންގާ ޗައިނާގެ ކުންފުނި، ބައިޓްޑާންސުން ބުނީ އެ މައްސަލަ ދެން އެމެރިކާގެ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އެހެންވެ ސުޕްރީމް ކޯޓުން ޓިކްޓޮކަށް ކާމިޔާބު ނުވެއްޖެ ނަމަ، އެ އެޕްގެ އެއްވެސް މުއާމަލާތެއް އެމެރިކާގައި ނުހިންގޭނެ އެވެ.
އަނެއްކޮޅުން މި ދަނޑިވަޅަކީ ކުރިން ވެސް ޓިކްޓޮކް މަނާކުރަން ގިނަ މަސައްކަތްތަކެއް ކުރެއްވި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ތައްޔާރުވަމުން އަންނަ ވަގުތެކެވެ. އިންތިހާބީ ރައީސް ރައީސްކަމުގެ ހުވާކުރައްވާނީ އަންނަ މަހުގެ 20 ގަ އެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ޓިކްޓޮކް މަނާ ކުރަން ގިނަ މަަސައްކަތްތަކެއް ކުރައްވައި ވެރިކަމުގެ ފަހު އަހަރު، 2020 ގެ ތެރޭގައި އެ އެޕް އެމެރިކާގެ ކުންފުންޏަކަށް ވިއްކައިލަން ޕްރެޝަރުތަކެއް ކުރުމާ ގުޅިގެން އެފަދަ މުއާމަލާތްތަކެއް ވެސް ބައިޓްޑާންސަށް ހިންގަން މަޖުބޫރު ވެސް ވި އެވެ.
އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި ޓިކްޓޮކަކީ ޗައިނާގެ ސަރުކާރަށް ވާގިދޭ އަދި އެ ގައުމުގެ އަސްކަރިއްޔާ އަށް ޖާސޫސްކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ. އަދި އޭގެ ސަބަބުން އެ އެޕް ބޭނުންކުރާ އެމެރިކާ މީހުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރަމުންދެ އެވެ.
އެެހެންވެ އެމެރިކާ އިން ސިފަކުރާ ގޮތުގައި ޓިކްޓޮކަކީ ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެވެ. ނަމަވެސް މި ތުހުމަތުތައް ޓިކްޓޮކުން އަބަދު ވެސް އަންނަނީ ދޮގުކުރަމުންނެވެ.
ޓިކްޓޮކަކީ ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރޭގައި އެންމެ މަގުބޫލު އެކައްޗެކެވެ.