ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް އެކުލަވާލަން ނިންމާފައިވާ މާސްޓާ ޕްލޭނަށް އެހީވުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަނެއްގައި ވާހަކަދައްކަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ މި ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ސަޕޯޓް ލިބި، ޑަބްލިއުއެޗްއޯގެ ފުރަތަމަ ޓީމު މާލެ އައިސް އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ޑަބްލިއުއެޗްއޯގެ އެހީ ލިބުނު ނަމަވެސް ސަރުކާރުން ބޭނުން ވަނީ މި ޕްލޭނު އެކުލަވާލުމުގައި ރައްޔިތުންގެ ބައިވެރިވުން ވީހާވެސް ބޮޑަކަށް އޮވެގެން މި މަސައްކަތް ކުރިއަށް ގެންދަން ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން މިފަދަ ޕެނަލް ޑިސްކަޝަނެއްގެ ބޭނުމަކީ ރައްޔިތުންގެ ހިޔާލާއި ލަފާ ހޯދުމަށްޓަކާ އަޅާ ފުރަތަމަ ފިޔަވަޅު ކަމަށްވެސް ވިދާޅުވި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ޕްލޭނެއް އެކުލަވާލަން ނިންމީ މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގަ އެވެ.
މި ޕްލޭން އެކުލަވާލަން ނިންމާފައިވަނީ ދުންފަތާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުމާއެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނައިގެންނެވެ.
މީގެ އިތުރުން މި ޕްލޭންގައި، ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފަރުވާ، ކޮންމެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުމަށް ވެސް ވަނީ ނިންމާފަ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް 5 އަހަރުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްފަށާފައިވާއިރު، 'ދަފަރާ' ގެ ނަމުގައި ދުންފަތާ ދެކޮޅު ޚާއްޞަ ކެމްއިނެއް އެޗްޕީއޭ އިން ވަނީ ފަށާފަ އެވެ. މި ކެމްޕެއިން މިހާތަނަށް ނ، ތ، ލ، އަދި ސ އަތޮޅުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.