Last Updated: April 1, 20:32
Tuesday, April 1, 2025
ޚަބަރު

ބުޅާތަކަށް ސްޕްރޭކުރުމުން ކަންބޮޑުވުން ފާޅުކޮށްފި

މާލޭގައި ބުޅާތަކެއްގެ ގަޔަށް ބަޔަކު ސްޕްރޭކުރި މައްސަލައަކާ ގުޅިގެން ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބުޅާތަކުގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ އިށް ބުނީ ބަޔަކު ނޫ ކުލައިގެ ޕެއިންޓް ސްޕްރޭ ބުޅާތަކުގެ ގަޔަށް ޖަހާފައި ވަނީ މޭރީ ބްރައިން ކައިރީގައި އޮންނަ ޕާކިން ޒޯނުގައި ކަމަށެވެ. މިއީ ބުޅާތަކަށް ގަސްތުގައި އަނިޔާކުރުމުގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމަށް ބުނެ ފެލީން ވެލްފެއާ އިން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެ އެވެ.

އެ ޖަމިއްޔާ އިން ބުނީ ބުޅާ ފަދަ ޖަނަވާރުތަކަށް އަނިޔާކޮށްގެން ނުވާނެ ކަމަށާއި އެ އެއްޗިއްސަށް ބޭނުން ވަނީ ލޯތްބާއި އަޅާލުން ކަމަށެވެ. އަދި ބުޅާތަކަށް އަނިޔާކުރާ މައްސަލަތައް ފާހަގަކުރެވޭ ނަމަ އެކަން ރިޕޯޓްކޮށް ދިނުމަށް ވެސް ފެލީން ވެލްފެއާ އިން އެދިފައި އެވެ.

މީގެ ކުރިން ވެސް މާލޭގެ އެކި ސަރަހައްދުގައި ބުޅާތަކަށް އެކި ކަހަލަ އަނިޔާރައް ދީފައިވާތީ އެ ޖަމިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، އެކަމުގެ ސަބަބުން ތަފާތު މައްސަލަތައް ކުރިމަތިވަމުންދާތީ ބުޅާތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި "އޮޅު ހިޔާ" ގެ ނަމުގައި ބުޅާ ފެސިލިޓީއެއް ހަދާފައިވެ އެވެ. މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ހަދައި، މެނޭޖްކުރަން ނިންމި އ ެ ފެސިލިޓީ އަށް މިހާތަނަށް ބުޅާތައް ނުގެންދާތީ އެތަން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީއާ ހަވާލު ކުރަން މިނިސްޓްރީން ވަނީ ކައުންސިލަށް އަންގައިފަ އެވެ.

އެހެންވެ ކައުންސިލުން މިހާރު ނިންމާފައި އޮތީ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރުމަށެވެ. ނަމަވެސް އެތަނަށް ބުޅާތައް ގެންދެވޭނެ އިރެއް އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.