Last Updated: December 26, 18:55
Thursday, December 26, 2024
ދުނިޔެ

ސީރިއާގެ ރައީސް އަސަދު ފިއްލަވައިފި

ދާހިލީ ބޮޑެތި ހަމަނުޖެހުންތަކެއްގެ ތެރޭގައި އޮތް ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ގައުމުން ފިއްލަވައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައު 2000 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ރައީސްގެ މަގާމުގައި ހުންނެވި އަސަދު، 59، ފިއްލެވީ ހަނގުރާމަވެރި ޖަމާއަތްތަކުން ސީރިޔާގެ ވެރިރަށް، ދިމިޝްގް ހިފުމާ ގުޅިގެންނެވެ.

ނަމަވެސް އަސަދު ފިއްލަވައިގެން ވަޑައިގެންނެވި ގައުމެއް އަދި މިހާތަނަށް ސާފުނުވާ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ހަނގުރާމަވެރިން މިހާރު އަންނަނީ މަގުމަތީގައި އުފާފާޅުކޮށް، އެކަން ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށް، އަސަދުގެ ކިބައިން ގައުމު ސަލާވަތްވެއްޖެ ކަމަށް ބުނެފައިވެ އެވެ.

ސީރިއާގެ އިދިކޮޅު ލީޑަރު ހާދީ އަލް ބަހްރާ އަލް-އަރަބިޔާ އަށް ވިދާޅުވީ އަސަދުގެ ވެރިކަން ވެއްޓުމަކީ އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ސީރިއާ ރުޖޫއަވުން ކަމަށެވެ.

"އެ ކަޅު ސޮފްހާ މާޒީވެގެން ދިޔައީ. މިއީ ސީރިއާގެ ރައްޔިތުންނަށް ލިބުނު ނަސްރެއް." އޭނަ ވިދާޅުވި އެވެ.

ދެހާސް އެގާރައިގެ ފަހުން ސީރިއާ އޮތީ ދާހީލީ ހަނގުރާމައެއްގެ ތެރޭގަ އެވެ. މީގެ ސަބަބުން ގައުމު ވަރަށް ބޮޑަށް ވީރާނެ، ސުންނާފަތިވެ، ރައްޔިތުން ތިބީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ.

ސީރިއާ އަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ހާލަތު އެންމެ ގޯސް އެއް ގައުމެވެ.