Last Updated: December 27, 15:07
Friday, December 27, 2024
ޚަބަރު

ޗާގޯސް މައްސަލާގައި ޔޫކޭ އަށް ފޮނުވި ސިޓީ ސިއްރު!

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސި ސަރުކާރަށް ފޮނުއްވި ސިޓީފުޅު ހާމަނުކުރަން ސަރުކާރުން ނިންމައިފި އެވެ.

އެ ސިޓީ ހާމަކުރެވެން ނެތް ކަމަށް ރައީސް އޮފީހުން ބުނީ އެ ސިޓީގެ ކޮޕީއެއް ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ބައެއް ނޫސްތަކުން ހުށަހެޅުމުންނެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ކަނޑުން ގެއްލުވާލި ބައި ހޯދުމަށް ސަރުކާރުން ރެޔާއި ދުވާލު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން އިނގިރޭސި ސަރުކާރަށް ދިވެހި ސަރުކާރުގެ ސިޓީއެއް މިހާރު ފޮނުވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެތަނަކީ އަޅުގަނޑުމެންގެ ރަސްރަސްކަލުންގެ ލިޔެކިޔުންތައް ފެންނަން ހުރުމާއެކީގައި، އެހެން ގައުމަކަށް ވުރެ ދިވެހިރާއްޖެ އަށް މާ އައުލާކަން ބޮޑު ރާއްޖޭގެ ތަނެއްގެ ގޮތުގައި ވެސް ބެލިދާނެ ކަމެއް ކަމަށް ތާރީހީ ގޮތުން ފެންނަން ހުރުމާއެކުގައި، އެކަން ފާހަގަކޮށް އަޅުގަނޑުމެން މިހާރު ވާނީ ސިޓީއެއް ފޮނުވާފައި،" ރައީސް ވިދާޅުވި އެވެ.

މިކަމުގައި އުއްމީދަކީ އިންސާފުވެރިކަމާ އެކު އެކަމުގައި ފައިސަލާކުރުން ކަމަށާއި ޒިންމާ އިން ރެކިވަޑައިނުގަންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދޫކޮށްލަން އިނގިރޭސީން ނިންމީ މިކަމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށްދާތާ ޒަމާންތަކެއް ފަހުންނެވެ.