Last Updated: December 27, 15:07
Friday, December 27, 2024
ޚަބަރު

އިގްތިސާދު ސަލާމަތް ކުރެވިއްޖެ، ދެން ދާނީ ކުރިއަށް

މިދިޔަ އަހަރު ކުރެވުނު އެންމެ ބޮޑު ކަމަކީ އިގްތިސާދު ސަލާމަތްކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އއ. ރަސްދޫ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި އަހަރު އެންމެ އެދޭ ގޮތަށް ކަންކަން ނުކުރެވި އޮތީ ކުރީގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގެ ސަބަބުން ކަމަށާއި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ފުރަތަމަ ވެސް ޖެހުނީ ރާއްޖެ ބަނގުރޫޓުވުމާ ދިމާލަށް ގޮސްފައި އޮތް އިގްތިސާދެއް ސަލާމަތް ކުރަން ކަމަށެވެ.

"އެ އިގްތިސާދު ސަލާމަތްކޮށް، ސަލާމަތުގެ އައްސޭރި އަށް ގެންދިޔުން އެއީ ހަގީގަތުގައި މިދިޔަ އަހަރު އަޅުގަނޑުމެންނަށް ކުރެވުނު އެންމެ ބޮޑު ކަންތައް. ޑިފޯލްޓް ނުވެ ގައުމު ސަލާމަތް ކުރުން، އިގްތިސާދު ސަލާމަތް ކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިގްތިސާދު ސަލާމަތް ކުރެވުނީ ވަރަށް ގިނަ ކަންކަމަށް އިސްކަންދީގެން ކުރެވުނު މަސައްކަތުން ކަމަށާއި މިހާރު ގާއިމުކޮށްފައިވާ ބިންގަލުގެ މަތީގައި އިގްތިސާދު ދެން ދާނީ ކުރިއަށް ކަމަށެވެ. އަންނަ އަހަރު ވެގެންދާނީ ލޯކަލް ޓޫރިޒަމްގެ ދާއިރާ އިން ރަސްދޫ ރައްޔިތުން ބޭނުންވާ ކަންކަމުގައި މަގުފަހިވެގެންދާނެ އަހަރަކަށް ކަމަށްވެސް ވިދާޅުވި އެވެ.

އަދި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ލޯކަލް ޓޫރިޒަމް ދާއިރާ ފުޅާކުރުމަށް ސަރުކާރުން ހިތްވަރުދީ އެހީތެރިކަން ދޭނެ ކަމަށާއި ތެލަށް ކުރާ ހަރަދު ޓޫރިޒަމާއި މަސްވެރިކަމުގެ ދާއިރާ އިން ފުރިހަމަ ވެގެންދާން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.